"ކޯ ލިވިން" ކޮންސެޕްޓުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިޔަށް ގެންގޮސްދެއްވުމަށް ނައިބު ފައިސަލް ނަސީމް، އެމަސައްކަތް ކުރަމުން އަންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކިބައިން އެދިވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ނައިބު ރައީސް އިއްޔެ ކުރެއްވި ޒިޔާރަތުގައި، އެ ކޯޕަރޭޝަނުން އެކުލަވާލާފައިވާ ހައުންސިން ކޮންސެޕްޓެއް ކަމުގައިވާ "ކޯ ލިވިން" ނުވަތަ "ޝެއާރިން އެކޮމަޑޭޝަން" ކޮންސެޕްޓުގެ މަސައްކަތްތައް ބައްލަވައިލައްވާފައިވާ ކަމަށެވެ.
"ކޯ ލިވިން" ކޮންސެޕްޓަކީ ވަޒީފާ އަދާކުރުމަށް މާލެ ސަރަހައްދުގައި ދިރިއުޅޭ މެދުފަންތީގެ އާމްދަނީއެއް ލިބޭ މީހުންނާއި މަތީ ތައުލީމަށް ކިޔެވުން ފަދަ ވަގުތީ ބޭނުންތަކުގައި މާލެ ސަރަހައްދުގައި ދިރިއުޅޭ ކިޔަވާކުދިންނަށް ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން ތިބެން ޖެހޭ ތިބުމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ގާއިމު ކުރާ ތަނެކެވެ.
އެގޮތުން މިހާރު މިފަދަ ފަރާތްތަކަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ކުލީގެ ގޮތުގައި ދައްކަން ޖެހޭ ޖެހުމަށް މީގެ ސަބަބުން ވަރަށްބޮޑު ލުޔެއް ލިބި، ކުރަން ޖެހޭ ހަރަދުތައް ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ކުލި ދައްކާގޮތަށް ދޫކުރާ މި ތަންތަނުގައި އެކަކު އެކަނި އެކޮމަޑޭޝަން، ދެމީހަކު ހިއްސާވާ އެކޮމަޑޭޝަން އަދި ދެ މީހުންނަށްވުރެ ގިނަ މީހުން ހިއްސާވާ އެކޮމަޑޭޝަން ހިމެނޭ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
"ކޯ ލިވިން"ގެ ކޮންސެޕްޓުގެ ދަށުން ކުރަމުން އަންނަ މަސައްކަތްތައް ނިމެމުން އަންނަ ވަރަކުން އެޗްޑީސީން މި ޕްރޮޖެކްޓުގެ އިތުރު ތަފްސީލުތައް ހާމަކުރަމުންގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.