ޚަބަރު

ބިލު ތަސްދީގުކުރުމުން އެލްޖީއޭގެ ބޯޑު އުވިއްޖެ

އަލީ ޔާމިން

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވުމާއެކު މިހާރު އޮތް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު އުވިއްޖެއެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. ބިލު ގާނޫނަކަށް ވުމުން މިހާރު އޮތް އެލްޖީއޭގެ ބޯޑު އުވޭގޮތަށް ބިލަށް އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ. އެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ދެ ވަޒީރަކު ހިމެނޭ ގޮތުން ޖުމްލަ ހަ މެންބަރުންގެ މައްޗަށް އެކުލެވޭ އެލްޖީއޭގެ ބޯޑު ވަނީ އުވިފައެވެ.

ބިލުގައި ބުނެފައިވަނީ އެލްޖީއޭއަށް ރައީސުލްޖުމްހޫރިއްޔާ ހަތް މެމްބަރުން އައްޔަން ކުރަން ޖެހޭނެ ކަމަށާއި އެލްޖީއޭއަށް އައްޔަން ކުރާ މެމްބަރުންނަކީ މިހާރު ދައުލަތުން މުސާރަދޭ މަގާމެއްގައި ހުރި މީހެއް ނަމަ އޭނާއަށް އިތުރު މުސާރައެއް ދޭން ނުޖެހޭނެ ކަމަށެވެ.

ގާނޫނުއަސާސީއަށް ގެނައި އިސްލާހާއެކު ކައުންސިލަރުންގެ ދައުރު ދިގުވި ނަމަވެސް ކައުންސިލުތަކަށް ލާމަރުކަޒީ ގާނޫނުން ލިބިދީފައިވާ ބޮޑެތި ބާރުތަކެއް ވަނީ ހަނިކޮށްފައެވެ. އަދި އެ ގާނޫނު އިސްލާހުކޮށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ބިލު ރައީސް ތަސްދީގުކުރެއްވުމުން އެލްޖީއޭއަށް ގިނަ ބާރުތަކެއް ވަނީ ލިބިފައެވެ.

އެގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ނުވަތަ ކައުންސިލުގެ އިހުތިސާސް ހިމެނޭ ބިމެއް ނުވަތަ އިމާރާތެއް ނުވަތަ ރައުސުލްމާލެއް ވިއްކުމާއި، ހަމަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާއި، އެހެން ފަރާތަކަށް އަގެއް ނުލިބޭގޮތަށް ދިނުމާއި ނުވަތަ ހަވާލު ކުރުމާއި، އާންމު ހިދުމަތްތައް ދިނުމަށް އިންވެސްޓް ކުރުމާއި، ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ހަރަދު ކުރުމާއި، ކައުންސިލު ޒިންމާވާގޮތަށް ދަރަންޏަށް ފައިސާ ނެގުމާއި، ދަރަންޏަށް ފައިސާ ދިނުމާއި، ސަޕްލިމެންޓްރީ ބެޖެޓް ފާސް ކުރުމާއި، ކައުންސިލަށް މުވައްޒަފުންލުމާއި ވަކިކުރުމާއި ކައުންސިލުގެ އިދާރާގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ ކަންކަން ކުރަންވާނީ އެލްޖީއޭގެ ހުއްދަ ލިބިގެން ކަމަށް ބިލުގައިވެއެވެ.

މީގެ އިތުރުން ކައުންސިލްތަކުން އެ ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރޭތޯ ބެލުމަކީވެސް އެލްޖީއޭގެ މަސްއޫލިއްޔަތެއް ކަމަށް ބިލުގައި ބުނެފައިވެއެވެ.