ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްސަލަތަކެއް ބަލައިދިނުން އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ރައީސަށް ހުށަހެޅުއްވީ މއ. ބާބުލްއަވާލީ، އިބްރާހީމް މުހައްމަދުއެވެ. އިބްރާހިމަކީ މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް ކުރިމަތިލައްވައި، ރައީސް ނަޝީދާ ވާދަކުރެއްވި ކެންޑިޑޭޓެވެ.
އިބްރާހިމް ވަނީ މި މައްސަލަ ރައީސަށް ހުށަހެޅުއްވިކަން، ވިދާޅުވެ ޓުވީޓުކުރައްވައި އެ މައްސަލައިިގެ ލިޔުން އާއްމުކޮށްފައެވެ.
އެކަމާ ބެހޭގޮތުން އިބްރާހިމް ކުރި ޓުވީޓުގައި ވިދާޅުވީ، މަޖިލިސްގެ ރައީސްގެ ސިޔާސީ ބާރުވެރިކަން ބޭނުންކުރައްވައި ދިވެހި ދައުލަތުގެ ޝަރުއީ ނިޒާމު ހައިޖެކްކޮށް ފަނޑިޔާރުންނާ ޝަރީއަތަށް ނުފޫޒު ފޯރުވައި، ކޯޓުތަކުގެ ހުރުމަތް ކަނޑާލާފައިވާ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް ފަސް ސަފުހާގެ ސިޓީއެއް ރައީސަށް ހުށަހަޅައިފިން،" ކަމަށެވެ.
އިބްރާހިމް ހުށަހަޅާފައިވާ މައްސަލައިގައި ވިދާޅުވެފައިވަނީ މަޖިލިސް ރައީސްގެ މަގާމަށް ރައީސް ނަޝީދު ވަޑައިގަތުމަށްފަހު ފާއިތުވެ ދިޔަ ދުވަސްތަކުގައި ފަނޑިޔާރުންގެ ޤަޟާއީ ނިންމުންތަކަށް ނުފޫޒު ފޯރުވައި، ވަކިގޮތަކަށް ނިންމުންތައް ބައްޓަން ކުރުމަށް ބާރު އަޅުއްވައި، ޖުޑީޝަރީގެ މިނިވަންކަމާއި ހުރުމަތަށް އަރައިގެންނެވުން އާއްމު ކަމަކަށް ހައްދަވާފައިވާ ކަމަށެވެ.
ރައީސް ނަޝީދު، ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފަށް ކޯޓުތަކުގެ މައްޗަށް ބާރު ފޯރުވައިގެން ހިންގާ ޣައިރު ގާނޫނީ އަމަލުތަކާ މެދު ފިޔަވަޅު ނާޅައިފިނަމަ އެއީ ދައުލަތުގައި އަދުލު އިންސާފެއް ނެތްކަމުގެ ހެއްކެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ގާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ހަމަހަމަވެގެންވާ މީހެއްކަމަށް ގާނޫނުއަސާސީގެ 20 ވަަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި ގާނޫނުގެ ރައްކާތެރިކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށް ސިޓީގައިވެއެވެ.
ރައްޔިތުންގެ މަޖިލިހާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ވަސީލަތްތައް ޝަރުއީ ނިޒާމު ބޭނުންކޮށްގެން، ރައީސް ނަޝީދުގެ ފިކުރުތަކާއި އެދުންތަކާއި އަމުރުތަކަށް ތަބާވާ "ޕަޕެޓް" ބޮޑީއެއް ކަމުގައި ހެދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް އިބްރާހިމް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދާއި އެމްޑީޕީގެ ތެރެއިން އެމަނިކުފާނުގެ ރުހުން އޮތް ބޭފުޅުންގެ ސަބަބުން ދިވެހިރާއްޖޭގައި އަދުލު އިންސާފު ލިބުމުގެ ހުރިހާ އުއްމީދެއް ގެއްލިއްޖެ ކަމަށާއި އެހެންކަމުން، ގާނޫނުއަސާސީގެ ހަތްވަނަ މާއްދާ އާއި 141 ވަނަ މާއްދާގެ ބާރު ކަނޑުވައިލައި، މިނިވަން ޖުޑީޝަރީއެއްގެ ހިޔާވަހިކަމުން ދިވެހި ރައްޔިތުން މަހުރޫމުކޮށް، ޝަރުއީ ދާއިރާ ހަލާކުކޮށްލުމުގައި ރައީސް ނަޝީދު އިސްކޮށް އަދާކުރެއްވި ދައުރުގެ ކަންކަން ތަހުގީގުކޮށް އޭނާގެ މައްޗަށް ގާނޫނީ ފިޔަވަޅު އެޅޭނޭ ގޮތް ހެދުމަށް އިބްރާހިމްގެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.