ޚަބަރު

ދައުރު ދިގުދަންމާލުމަކީ އާންމު ދިރިއުޅުމެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ރައީސް ނަޝީދު

އަލީ ޔާމިން

1

ލޯކަލް ކައުންސިލުތަކުގެ ދައުރު، އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން ދިގުދަންމާލެވުމަކީ، ކޮވިޑް 19 އިން އަރައިގަނެ، އާންމު ދިރިއުޅުމެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ރައްކާތެރި މާހައުލެއް ގާއިމުކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލަން ގާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ތަސްދީގު ކުރައްވައިފައެވެ.

އެކަމާ ގުޅިގެން ރައީސް ސޯލިހަށް ޝުކުރު އަދާކުރައްވައި ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ، ކައުންސިލުތައް ހިންގަމުން ގެންދިއުމުގެ ފުރުސަތު އޮތީ ބޮޑުކޮށް ކަމަށެވެ. އަދި ދައުރު ދިގުދަންމާލުމަކީ ކޮވިޑުގެ ބަލިމަޑުކަމުން ރާއްޖެ އަރައިގެނެ، އާންމު ދިރިއުޅުމެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.

"ކައުންސިލްތައް ހިންގަމުން ގެންދިއުމުގެ ފުރުސަތު އޮތީ ބޮޑުކޮށް. މި ހިންގުމަކީ މި ރޯގާއިން ރާއްޖެ އަރައިގަނެ، އާންމު ދިރިއުޅުމެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް. ވިސްނުންތެރިކަމާއެކު ދިވެހިރާއްޖެ ހިންގަން ފެށުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއް،" ނަޝީދު ވިދާޅުވިއެވެ.

ރޭ ބޭއްވި ރައްޔިތުންގެ މަަޖިލީހުގެ ޖަލްސާގައި، ކައުންސިލަރުންގެ ދައުރު ދިގުދަންމާލަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ފާސްކުރީ 74 މެންބަރުންގެ ވޯޓުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟