ފެންވަރު ރަނގަޅުކޮށް އަދި ހަރަދުކުޑަކޮށް ކަންކަން ކުރެވޭނެ އިތުރު ގޮތްތައް ހޯދައި އެގޮތްގޮތަށް މަސައްކަތް ކުރެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމު އެދިވަޑައިގެންފިއެވެ.
ނައިބު ރައީސް މިހެން އެދިވަޑައިގަތީ ކޮވިޑް 19އާ ގުޅިގެން ކުޅުދުއްފުށީ ސިޓީއަށް ދިމާވާ ދަތިތަކާއި އެ ސިޓީގެ ހޮސްޕިޓަލަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭގޮތުން އެސިޓީގެ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންނާއި އެ ސިޓީގެ ކައުންސިލް މެންބަރުންނާއި ހޮސްޕިޓަލުގެ އިސްވެރިންނާއެކު ބޭއްވި މަޝްވަރާކުރެއްވުމުގައެވެ.
ސަރުކާރުގެ ފަރާތުން ސިއްހީ ދާއިރާގެ މައުލޫމާތުދެއްވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ބައިވެރިވެވަޑައިގެން އޮންލައިންކޮށް ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ކުޅުދުއްފުށީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހުރި ކަންބޮޑުވުންތަކާއި އެ ސިޓީގައި ކުރިއަށްދާ ބައެއް މަޝްރޫއުތަކުގެ އަޕްޑޭޓް އޮޅުންފިލުއްވައިފައެވެ.
މި ބައްދަލުވުމުގައި ހޮސްޕިޓަލުގެ އިސްވެރިން ވަނީ ބައެއް މުހިންމު މަޝްރޫއުތައް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި ހޮސްޕިޓަލުގެ ވެއިޓިން ކެޕޭސިޓީގެ ދަތިތަކާއި ޖާގައިގެ ދަތިކަން އަދި އެންއައިސީޔޫގައި ބޭނުންވާ ވަރަށް ވަސީލަތްތައް ނެތުމުން އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރެއްވިއެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރު އަމީން ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑާ ގުޅިގެން ހުއްޓިފައިވާ ޕްރޮޖެކްޓުތައް އަލުން ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ސިއްހީ ދާއިރާއަށް ކުރިމަތިވާ ފައިސާގެ ދަތިތައް ހައްލުކުރުމަށް ފިނޭންސް މިނިސްޓަރާ މަޝްވަރާކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި، ނައިބު ރައީސް ވަނީ ފެންވަރު ރަނގަޅުކޮށް އަދި ހަރަދުކުޑަކޮށް ކަންކަން ކުރެވޭނެ އިތުރު ގޮތްތައް ހޯދައި އެގޮތްގޮތަށް މަސައްކަތްކުރެއްވުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކުރައްވަމުން ގެންދެވުމަށާއި ކުޅުދުއްފުށީ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.