ތިލަފުށީގައި ފުލުހުންނާއި ގިނަ އަދަދެއްގެ ބިދޭސީންނާ ދެމެދު މިއަދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ވަގުތީ ގޮތުން ގެނެސް ހުއްޓުވި 133 މީހުންގެ ތެރެއިން ހަތް މީހަކު ހައްޔަރުކުރުމަށް ފަހު އެހެން މީހުން ދޫކޮށްލައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ތިލަފުށީގައި ހިންގި ހަމަނުޖެހުމުގައި 400 ވަރަކަށް ބިދޭސީން ވަނީ ބައިވެރި ވެފައެވެ.
މި ހަމަނުޖެހުން ހުއްޓުވަން ފުލުހުން ކުރި މަސައްކަތަށް ފަހު 133 މީހުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި އެއްވެސް ބިދޭސީއަކަށް އަނިޔާވި ކަމެއް ނުވަތަ ނޫން ކަމެއްވެސް ފުލުހުން ނުބުނެއެވެ.
ހަމަނުޖެހުންތަކާ ގުޅޭގޮތުން ފުލުހުން ބުނީ އެ ހަމަނުޖެހުންތަކުގެ ސަބަބުން ދެ ފުލުހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން "ވަން" އަށް މައުލޫމާތުދެއްވަމުން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ރަޝީދު (މާމިގިލީ އިބޫ) ވިދާޅުވީ، ހަމަނުޖެހުން ހިންގީ އައިމާ ކުންފުނީގެ ބިދޭސީންތަކެއް ކަމަށެވެ. އެމީހުންގެ ހިތްހަމަނުޖެހުން ހުރީ ތިބެން ޖެހޭ ތަނާއި ކެއުމުގެ ކަންތައްތަކާ މެދު ކަމަށް އިބޫ ވިދާޅުވިއެވެ.