ޚަބަރު

ކޮވިޑުގެ ކަންކަމަށް 892 މިލިއަން ރުފިޔާ ހަރަދުކޮށްފި، ބޮޑު ހަރަދެއް އެންޑީއެމްއޭ އާއި އައިޖީއެމްއެޗަށް

ކޮވިޑް 19 އިން ރައްކާތެރިވުމަށާއި އެ ބައްޔާ ގުޅިގެން ކުރިމަތިވެފައިވާ އެކިއެކި ކަންކަމަށް މިދިޔަ ހަފުތާގެ ނިޔަލަށް 892.3 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފިއެވެ.

ކޮރަޕްޝަނަށް ފުރުސަތު ނުދިނުމުގެ ބޭނުމުގައި ފިނޭންސް މިނިސްޓްރީން ވަނީ ކޮވިޑާ ގުޅިގެން ކުރާ ހަރަދު ކޮންމެ ހޯމަ ދުވަހަކު އާންމުކުރަން ފަށައިފައެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލާއެކު ފިނޭންސް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން، މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ އިތުރަށް 25.4 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މިއީ އޭގެ ކުރީ ހަފްތާއަށްވުރެ 2.9 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ސަރުކާރުން ކުރި ހަރަދު ހުރީ 866.9 މިލިއަން ރުފިޔާގައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މިދިޔަ ހަފްތާގައި އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކަމަށެވެ.

އެގޮތުން އެންޑީއެމްއޭ އިން މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްސް ގަތުމަށް މިދިޔަ ހަފްތާގައި އިތުރު 16.7 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އައިޖީއެމްއެޗުން މެޑިކަލް ކޮންސިއުމަބަލްސް ގަތުމަށް 4.9 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.

މުއައްސަސާތަކުންނާއި މިނިސްޓްރީތަކުން ކުރި ހަރަދަށް ބަލާއިރު މިދިޔަ ހަފްތާގެ ނިޔަލަށް ހެލްތު މިނިސްޓްރީން 1.9 މިލިއަން ރުފިޔާ، ޕްލޭނިން މިނިސްޓްރީންނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެއް ލައްކަ ރުފިޔާ، ޖެންޑާ މިނިސްޓްރީން އިތުރަށް ނުވަ ލައްކަ ރުފިޔާ ހަރަދުކުރިއެވެ. އޭގެ އިތުރުން ފުލުހުން ކުރި ހަރަދު އެ ލައްކަ ރުފިޔާ އިތުރުވިއިރު އެމްއެންޑީއެފުން ހަތް ލައްކަ ރުފިޔާ އިތުރަށް ހަރަދުކުރި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިދިޔަ ހަފްތާގެ ނިޔަލަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ފޮރިން މިނިސްޓްރީ، މޯލްޑިވްސް އިމިގްރޭޝަން، ނެޝަނަލް ޑުރަގް އެޖެންސީ، ޑިޒާސްޓާ މެނޭޖްމަންޓް ފަންޑު، ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑު އަދި ޒަކާތު ފަންޑުން އެއްވެސް އިތުރު ހަރަދެއް ކޮށްފައެއް ނުވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މިިދޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 491.4 މިލިއަން ރުފިޔާގެ ޕާޗޭސް އޯޑާ (ޕީީއޯ) ހެދިފައިވާއިރު ހެދިފައިވާ އިންވޮއިސްތަކަށް 13.9 މިލިއަން ރުފިޔާ އަދި ދައްކާފައިނުވާ ކަމަށެވެ.