ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކައުންސިލަރުންގެ ދައުރު އިތުރުކުރުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

އިބްރާހިމް ޒަކީ

މިހާރު ތިބި ކައުންސިލަރުންގެ ދައުރު މާދަމާއަށް ހަމަވާ އިރު، އާ ކައުންސިލަރުން އިންތިހާބު ކުރެވިފައި ނުވާތީ، އާ އިންތިހާބެއް ބާއްވައި ކައުންސިލަރުން މަގާމާ ހަވާލުވަންދެން މިހާރު ތިބި ކައުންސިރުން މަގާމުތަކުގައި ތިބޭ ގޮތަށް، ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ރޭ ފާސްކުރި ގާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

ގާނޫނުގައި އޮތްގޮތުން، މިހާރު ތިބި ކައުންސެލަރުންގެ ދައުރު މާދަމާއަށް ހަމަވާނެއެވެ. ރޭ ދަންވަރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައި އެ ބިލް ފާސްކުރީ އެހެންވެގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހީމް ހޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، "ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި،" ކަމަށެވެ.

މި ގާނޫނުގައިވަނީ، ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ދެ އަކުރެއް އިތުރުކުރަން ފާސްކޮށްފައެވެ. މި ދެ އަކުރު ވެސް އިތުރުކޮށްފައިވަނީ ކައުންސިލްތަކުގައި ހިމެނޭނީ ދާއިރާގެ ރައްޔިތުން އިންތިހާބުކުރާ މެންބަރުން ކަމަށް ބުނެފައިވާ އެ މާއްދާގެ (ނ) އަށް އިސްތިސްނާއެއް ދޭ މާއްދާއެއްގެ ގޮތުގައެވެ.

އެގޮތުން މި މާއްދާގެ (ނ) ގައި އެހެން އޮތް ނަމަވެސް 3 ޖޫން 2017 ގައި އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބު ނުކުރެވިއްޖެ ހިނދެއްގައި އެ ކައުންސިލްތަކަށް މެންބަރުން އިންތިހާބު ކުރަން ބާއްވަން ޖެހޭ އިންތިހާބު ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިހާބު ކުރާ މެންބަރުން އެމީހުންގެ މަގާމާ ހަވާލުވަންދެން މިހާރު އިންތިހާބުކޮށްފައިވާ އަދި މަގާމުގައި ދެމިތިބި ކައުންސިލްތަކުގައި ތިބި މެންބަރުން އެމީހުންގެ މަގާމުގައި ދެމިތިބޭނެ ކަމަށް، އެ މާއްދާއައް އިތުރު ކުރި (ޅ)ގައި ހިމަނާފައިވެއެވެ.

އެގޮތުން ފުރަތަމަ އަކުރެއްގެ ގޮތުގައ (ޅ) ހިމަނައި ކައުންސިލް އިންތިހާބު ބާއްވައި މެންބަރުން ހުވާކުރަންދެން، މިހާރު ތިބި ކައުންސިލަރުން މަގާމުތަކުގައި ދެމިތިބޭނެކަމަށް ހިމަނާފައި ވެއެވެ. އަދި (ޅ)ގެ ފަހަތަށް (ކ) އެއް އިތުރުކޮށް މަގާމުގައި ދެމިތިބޭ ކައުންސިލަރުން އަމަލުކުރާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުގައިވާ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ. އަދި މި މާއްދާގެ (ޅ) ގައި ބަޔާން ކުރާ އިންތިގާލީ މުއްދަތުގައި މަގާމުގައި ދެމިތިބޭ ކައުންސިލްތަކުގެ މެންބަރުން މަގާމުގައި ދެމި ތިބޭއިރު އެ މެންބަރުން އަމަލު ކުރާނެ އިންތިގާލީ އުސޫލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގައި ކަނޑައަޅަންވާނެ ކަމަށް، ބުނެފައިވެއެވެ.

އެއީ ރޭގެ ޖަލްސާގައި ފާސްކުރި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020" އެވެ. އެ ބިލުގައި މަގާމުގެ މުއްދަތު އިތުރުކުރާ ކައުންސިލަރުން މަގާމުގައި ތިއްބަވާ އިންތިގާލި މަރުހަލާގައި ކައުންސިލްތަކުން އަމަލުކުރަން ޖެހޭ ގޮތް ވަނީ ބަޔާންކޮށްފައެވެ.