ގާނޫނުއަސާސީ އިސްލާހުކުރުމަށް މަޖިލީހުގައި ރޭ ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުމުގައި އަނިޔާވި ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމްގެ މޭކަށިގަނޑުގައި ރެނދުލާފައިވާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
އިދިކޮޅު މައި ޕާޓީ ޕީޕީއެމުން ބުނި ގޮތުގައި ރޭގެ ޖަލްސާގައި ހިނގި ހަމަނުޖެހުމުގައި ޝިޔާމަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުން ޝިޔާމްއަށް ވަނީ ފަރުވާ ކޮށްފައެވެ.
އެގޮތުން ޑޮކްޓަރުން ވަނީ ޝިޔާމްގެ އުނަގަނޑާއި މޭކަށިގަނޑުގައި ރެނދެއް ލާފައިވާކަން އަންގާފައި ކަމަށާއި މި އަނިޔާގެ ސަބަބުން ހަތަރު ހަފްތާ ވަންދެން ޝިޔާމަށް ބެޑް ރެސްޓު ކުރުމަށް ޑޮކްޓަރު އިރުޝާދު ދީފައިވާ ކަމަށް ޕީޕީއެމުން ބުނެއެވެ. ފަރުވާ ދިނުމަށްފަހު މިހާރު ޝިޔާމް ގެއަށް ދޫކޮށްލާފައިވާ ކަމަށް ޕީޕީއެމުން ބުނެއެވެ.
މެންބަރު ޝިޔާމަށް އަނިޔާވީ އޭނާގެ ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ނެރެން އުޅުމުގެ ތެރޭގައި މަޖިލީހުގެ އިދިކޮޅު ބައެއް މެންބަރުންނާއި މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުންނާ ޒުވާބުކޮށް އެއް މެންބަރަކު އަނެއް މެންބަރަކާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައެވެ. އެ ހަމަނުޖެހުންތަކުގައި ޝިޔާމުގެ ގަމީސް ވެސް ވަނީ ވީދައިގެން ގޮސްފައެވެ.
ރޭގެ ޖަލްސާގައި ޝިޔާމަށް އަނިޔާ ކޮށްފައިވަނީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިގެން ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކޮށްފައިވެއެވެ. މީގެ އިތުރުން މަޖިލީހުގައި ހިނގި މި ހަމަނުޖެހުމުގެ މައްސަލަ ޝިޔާމްގެ ފަރާތުން ވަނީ ފުލުހަށް ވެސް ހުށަހަޅައިފައެވެ. ފުލުހުން މިއަދު ބުނެފައި ވަނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.