ޚަބަރު

ރާއްޖޭގައި ހުރި އިންވެސްޓްމެންޓުތަކާ މެދު އިންޑިއާގެ ވިޔަފާރިވެރީންގެ ޝައުގުވެރިކަން ހޯދާނަން : ރައީސް

އަހުމަދު ޖައިޝަން

އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގައި ހުރި އިންވެސްޓްމެންޓްތަކުގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވައި އެފަރާތްތަކުގެ ޝައުގުވެރިކަން ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރީންނަށް މައުލޫމާތުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަށް އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އިންވެސްޓްމެންޓުގެ ފުރުސަތުތަކަށް އުއްމީދު ކުރައްވާއިރު ތަރައްގީގެ ގިނަ މަސައްކަތްތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އެގައުމުގެ ރައީސް ރާމްނާތު ކޯވިންދާއާ އެކު މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އިންޑިއާ އާއި ރާއްޖެއާ ދެމެދު އަބަދުވެސް ދަމަހައްޓަމުން އަންނަ ދާއިރާތައް ކަމަށްވާ ސިއްހީ ދާއިރާ އާއި ސަގާފީ ކަންކަމާއި ދިފާއީ ކަންކަމުގައި މި ދަތުރުގެ ސަބަބުން މިހާރަށްވުރެ އިތުރަށް ގުޅުން ބަދަހިވެގެން ދާނެ،" އެމަނިިކުފާނު ވިދާޅުވިއެވެ.

އިންޑިއާ ދަތުރުފުޅުގައި ލިބޭނެ އެންމެ ބޮޑު އުފަލަކީީ އިންޑިއާގައި ދިރިއުޅުއްވާ ދިވެހިންނާއި ބައްދަލު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުން ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ދަތުރުގައި އަޅުގަނޑަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އިންޑިޔާގައި ދިރިއުޅުއްވާ ދިވެހި އާއިލާތަކާ ބައްދަލުކޮށް އެބޭފުޅުންގެ ހާލު އޮޅުންފިލުވުމުގެ ފުރުސަތު ލިބޭކަން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ދިވެހި އާއިލާތަކާ ބައްދަލުކޮށް އެބޭފުޅުންނަށް ދަތިވާ ކަންތައްތައް އޮޅުންފިލުވާނަން." ރައީސް ވިދާޅުވިއެވެ.