ކޮވިޑް 19ގެ ސަބަބުން އެހީތެރިކަމަށް ޖެހިފައިވާ މީހުންނަށް ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޭ މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމުގެ އިންތިޒާމު މިނިސްޓްރީ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސް އިން ހަމަޖައްސައިފި އެވެ.
އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަން ޖެންޑާ މިނިސްޓްރީން އާންމު ކޮށްފައިވަނީ އެ މިނިސްޓްރީން ކުރި ޓުވީޓެއްގައެވެ.
އެގޮތުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުން https://bandeyripay.finance.gov.mv/ އަށް ލޮގިންވެ، ޕޭޔާ ރިކުއެސްޓް ފޯމް ފުރުމަށް ޖެންޑާ މިނިސްޓްރީމް ބުނެއެވެ. އަދި ފޯމު ފުރާއިރު ފައިސާ ލިބޭ އޭޖެންސީއެއްގެ ގޮތުގައި އެންޑީއެމްއޭ ހިޔާރު ކުރުމަށްފަހު، "ޑޮނޭޝަން ފޯ ކޮވިޑް 19" ހިޔާރު ކުރުމަށް އެދިފައި ވެއެވެ. މިއީ ސޯޝަލް ސާވިސްގެ ޑޮނޭޝަނެއްކަން ބަނޑޭރި ޕޭއިން އެނގެން ވާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިހުރިހާ މައުލޫމާތުތަކެއް ފުރުމުން މެއިލެއް ލިބޭނެ ކަމަށާއި، އެ މެއިލުން ފައިސާ ފޮނުވާނެ ޕޯޓަލްއަށް ލިންކު ކުރާނެ ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތު ދެއެވެ.
ކޮވިޑް 19ގެ މި ދަނޑިވަޅުގައި އެހީތެރިކަމަށް ޖެހިފައިވާ މީހުންނާއި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މީހުންނަށް ޖެންޑާ މިނިސްޓްރީން ޝުކުރު އަދާ ކުރެއެވެ. އަދި އެހީތެރިކަމަށް ބޭނުންވާ މީހުން 1412 ހެލްޕް ލައިނަށް ގުޅުމަށްވެސް އެ މިނިސްޓްރީން އެދިފައި ވެއެވެ.