ޚަބަރު

އެހެން މެންބަރުން ލައްވައި އެއްވެސް މެންބަރަކު ތަޅުމުން ބޭރުކުރުމަކީ ހުއްދަ ކަމެއް ނޫން: ރީކޯ މޫސަ

މަރިޔަމް ޝަހުދާ

އެހެން މެންބަރުންނަށް އަންގައިގެން އެ މެންބަރުން ލައްވައި އެއްވެސް މެންބަރަކު މަޖިލީހުގެ ތަޅުމުން ބޭރުކުރުމަކީ ހުއްދަ ކަމެއްނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި، ހުޅުހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މޫސާމަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވެފައި މި ވަނީ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން މެންބަރެއްގެ ނަން އިއްވުމުން އެ މެންބަރަކު މަޖިލީހުގެ ތަޅުމުން ބޭރަށް ނުދާ ނަމަ އެ މެންބަރަކު މަޖިލީހުގެ ތަޅުމުން ބޭރު ކުރުމަށް މަޖިލީހުގެ ރިޔާސަތުން އެހެން މެންބަރުންނަށް ނޭންގޭނެ ކަމަށާއި، އެއީ ހުއްދަ ކަމެއް ނޫން ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ އެފަދަ އަމަލަކީ ކުށެއް ކަމަށެވެ.

މީގެ އިތުރުން މެންބަރެއްގެ ނަން އިއްވުމުން އެ މެންބަރަކު މަޖިލީހުގެ ތަޅުމުން ބޭރަށް ނުދާ ނަމަ އެ މެންބަރަކު މަޖިލީހުން ބޭރު ކުރަން ވާނީ މަޖިލިސް މެދުކަނޑައިލުމަށް ފަހު، ސެކިއުރިޓީން ލައްވައި ކަމަށް މޫސަ ވިދާޅުވިއެވެ.

މަޖިލީހުގައި ރޭ ބޭއްވި ޖަލްސާ އަކީ ގާނޫނު އަސާސީ އިސްލާހުކުރަން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ބޭއްވި ޖަލްސާ އެކެވެ. މި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވަވައިފައެވެ. ތިން ފަހަރު ނަން އިއްވެވުމުންވެސް ޝިޔާމް މަޖިލީހުގެ ތަޅުން ދޫކޮށް ވަޑައިނުގެންނެވުމުން އޭނާ މަޖިލީހުން ބޭރުކުރުމަށް މަޖިލިސް ރައީސް، ސާޖެންޓް އެޓް އާމްސް އަށް އެންގެވިތަން ފެނެ އެވެ. އެކަމަކު އޭބާ މަޖިލިސް ތަޅުމުން ބޭރުކުރުމުގައި އެމްޑީޕީގެ މެންބަރުންވެސް ބޮނޑިވެގަނެގެން އުޅުނުތަން ފެނިފައިވެ އެވެ.

މެންބަރު ޝިޔާމް ވަނީ މި މައްސަލަ ފުލުސް އޮފީހަށް ހުށަހަޅުއްވައިފައެވެ.