ޚަބަރު

ވިސާއަށް ލުއިތަކެއް ގެނައުމާއި ބަޖެޓަށް ފައިސާ ހޯއްދެވުމަށް ރައީސް އިންޑިއާއަށް

އަހުމަދު ޖައިޝަން

އިންޑިއާ އާއި ރާއްޖެއާ ދެމެދު ވިސާގެ ލުއި ފަސޭހަތަކެއް ހަމަޖެއްސުމާއި ރާއްޖޭގެ ބަޖެޓަށް ފައިސާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.

ދިވެހި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގަންނަވަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދައުވަތަކަށެވެ.

އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ހުރިހާ ދާއިރާއަކަށް އިންޑިއާގެ ފަރާތުން އެހީތެރިކަން ލިބިގެންދާނެ ކަމާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.

ރައީސް ކުރައްވާ އެ ދަތުރުފުޅުގައި އިންޑިއާއި ރާއްޖެއާ ދެމެދު ގުޅުން ހަރުދަނާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ ފާހަގަކުރައްވާފައި ވަނީ ދެގައުމުގެ ދެމެދުގައި ވިސާގެ ލުއިފަސޭހަތަކެއް ގެނައުމަށް އެއްބަސްވުމެވެ.

"އެ އެއްބަސްވުމުގައި ސޮއި ކުރުމުން ޑިޕެންޑެންޓް ވިސާ ހޯދުމާއި ބޭސްފަރުވާ ކުރުމަށް ބޭނުންވާ ވިސާ ހޯދުމަށް ވަރަށްބޮޑު ފަސޭހަތަކެއް ވެގެންދާނެ. މީގެ އިތުރުންވެސް ވިސާގެ އެކި ލުއިތަކެއް ލިބިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ދަތުތުރުފުޅުގައި ދެވަނައަށް ކުރައްވާނެ އެންމެ ބޮޑު މަސައްކަތަކީ ރާއްޖޭގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމުގައި އިންޑިއާގެ އެހީ ހޯދުމާ ގުޅިގެން ވާހަކަފުޅު ދެއްކެވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއާ އެންމެ ފުރަތަމަ ސިޔާސީ ގުޅުން ގާއިމުކުރި އެއް ގައުމު ކަމަށާއި ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.