ގާނޫނުއަސާސީ އިސްލާހު ކުރުމަށް މަޖިލީހުގައި މިރޭ ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމަށް އަނިޔާކުރީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަންގަވައިގެން ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.
މެމްބަރު ޝިޔާމަށް އަނިޔާވީ އޭނާގެ ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ނެރެން އުޅުމުގެ ތެރޭގައި މަޖިލީހުގެ އިދިކޮޅު ބައެއް މެންބަރުންނާއި މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުންނާ ޒުވާބުކޮށް އެއް މެންބަރަކު އަނެއް މެންބަރަކާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައެވެ.
އެކަމާ ގުޅިގެން ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، މިރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އެންގެވުމަށް މަޖިލީހުގައި ތިބި އެމްޑީޕީގެ މެންބަރުންނާއި ސާޖަންޓް އޮފް އާމްސް ގުޅިގެން ޝިޔާމުގެ ހަށިކޮޅަށް އަތްލައި ވަރަށް ބޮޑަށް އަނިޔާކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ފުލުހުންނަށް ވެސް ގޮވާލައިފައިވެއެވެ.
"ގާނޫނާ ހިލާފަށް ބާއްވަމުން ގެންދާ މަޖިލީހުގެ ޖަލްސާގައި، ރިޔާސަތުން ދައްކަވަމުން ގެންދެވި ވާހަކައަކާއި ގުޅިގެން ނައިފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ޝިޔާމު ނިޒާމާ ބެހޭ މައްސަލައެއް ނެންގެވުމުން އެ މައްސަލައަށް ފުރުސަތު ދެއްވުމެއް ނެތި، މަޖިލީހުގެ ގަވާއިދާ ހިލާފަށް ވަގުތުން ނަން އިއްވާ އަދި މަޖިލީހުން ނެރުމަށާއި އަދި އެމަނިކުފާނު ގައިގައި ތަޅާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވި އަޑު އެއްސެވިކަމަށް އެތަނުގައި ތިއްބެވި މެންބަރުން ވެސް ހެކިވެއެވެ،" ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ، މަޖިލީހުގެ ރައީސްގެ އެންގެވުމަށް ޝިޔާމަށް ކޮށްފައިވާ އަނިޔާތަކުގެ ސަބަބުން ހާލު ވަރަށް ބޮޑަށް ސީރިއަސްވެ، މިވަގުތު އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ޝިޔާމްގެ ފަރާތުން މި މައްސަލަ މިހާރު ވަނީ ފުލުހަށް ވެސް ހުށަހަޅައިފައެވެ. މައްސަލަ ހުށަހަޅާފައިވަނީ ޝިޔާމް ފުލުހުންގެ މައި އިދާރާއަށް އަމިއްލައަށް ވަޑައިގެންނެވެ. އެތަނުން އޭނާ ދެން ގެންގޮސްފައި ވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ. ނަމަވެސް ޝިޔާމަށް ލިބިވަޑައިގެންފައި ވަނީ ކޮންކަހަލަ އަނިޔާތަކެއް ކަމެއް އަދި ނޭނގެއެވެ.