ސްރީ ލަންކަން އެއާލައިންގެ ފްލައިޓުން ދަތުރު ނުކުރެވުމުގެ ސަބަބުން އިންޑިއާގެ ކޮޗިންގައި ނުފުރި ތިބި 62 ދިވެހީންގެ ތެރެއިން 58 މީހުން އެކި ހޮޓާތަކަށް ބަދަލުކޮށްފި އެވެ.
ސްރީލަންކަން އެއާލައިންގައި ތިބި ދިވެހީންނަކީ ސްރީލަންކާ އަށާއި ސ. ގަމަށް ދިޔުމަށް ހަމަޖެހިފައިވާ ދިވެހީން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ 62 ދިވެހީންގެ ތެރެއިން ހަތަރު މީހުން ވަނީ މިހާރު މާލެ ފުރުވާލެވިފައި ކަމަށެވެ.
ބާކީ ތިބި 58 ދިވެހިން ފްލައިޓަށް ދިމާވެފައިވާ މައްސަލަ ހައްލުވިހާ އަވަހަކަށް ފުރުވާލުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ކޮޗިން އެއާޕޯޓުގެ އިސްވެރީންނާ ހަވާލާދީ މިނިސްޓްރީން ވަނީ ބުނެފައެވެ.
މިދިޔަ ހުކުރު ދުވަހުގެ ހަވީރު 15:25 ގައި އިންޑިއާގެ ކޮޗިންގެ އެއަރޕޯރޓުން ސްރީލަންކާ އަށާއި އަދި ސ. ގަމަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ސްރީލަންކަން އެއަރ ލައިންސްގެ ޔޫ.އެލް 166 ފްލައިޓަށް ދަތުރު ނުކުރެވިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.