ޚަބަރު

ކައުންސިލަރުންގެ ދައުރު އިތުރުކުރުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ފާސްކޮށްފި

އިބްރާހިމް ޒަކީ

މިހާރު ތިބި ކައުންސިލަރުންގެ ދައުރު މާދަމާއަށް ހަމަވާ އިރު، އާ ކައުންސިލަރުން އިންތިހާބު ކުރެވިފައިނުވާތީ، އާ އިންތިހާބެއް ބާއްވައި ކައުންސިލަރުން މަގާމާ ހަވާލުވަންދެން މިހާރު ތިބި ކައުންސިރުން މަގާމުތަކުގައި ތިބޭގޮތަށް، ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މާދަމާރޭ 12:00ގައި ކައުންސިލަރުންގެ މުއްދަތު ހަމަވާ އިރު، އަންނަ ގާނޫނީ ހުސްކަން ފޫބެއްދުމަށް، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ބޮޑު ބަދަލެއް ގެނެސް މިރޭ މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 74 އިއްތިފާގުންނެވެ.

މި ބިލް ފާސްވުމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބިލް ތަސްދީގުކުރެއްވުމަށްޓަަކައި މާދަމާ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވަވާނެ ކަމަށެވެ.

ގާނޫނު އަސާސީއަށް ގެންނަން މިރޭ ފާސްކުރި އިސްލާހުގައި ކައުންސިލަރުންގެ ދައުރު ދަންމާލާފައިވަނީ، ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ދެ އަަކުރެއް އިތުރުކޮށްގެންނެވެ. މި ދެ އަކުރު ވެސް އިތުރުކޮށްފައިވަނީ ކައުންސިލްތަކުގައި ހިމެނޭނީ ދާއިރާގެ ރައްޔިތުން އިންތިހާބުކުރާ މެންބަރުން ކަމަށް ބުނެފައިވާ އެ މާއްދާގެ (ނ) އަށް އިސްތިސްނާއެއްދޭ މާއްދާއެއްގެ ގޮތުގައެވެ.

އެގޮތުން މި މާއްދާގެ (ނ) ގައި އެހެން އޮތް ނަމަވެސް 3 ޖޫން 2017 ގައި އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އުމުރުހަމަވާއިރު އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބު ނުކުރެވިއްޖެ ހިނދެއްގައި އެ ކައުންސިލްތަކަށް މެންބަރުން އިންތިހާބު ކުރަން ބާއްވަންޖެހޭ އިންތިހާބު ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިހާބު ކުރާ މެންބަރުން އެމީހުންގެ މަގާމާ ހަވާލުވަންދެން މިހާރު އިންތިހާބުކޮށްފައިވާ އަދި މަގާމުގައި ދެމިތިބި ކައުންސިލްތަކުގައި ތިބި މެންބަރުން އެމީހުންގެ މަގާމުގައި ދެމިތިބޭނެ ކަމަށް، އެ މާއްދާއައް އިތުރު ކުރި (ޅ)ގައި ހިމަނާފައިވެއެވެ.

އެގޮތުން ފުރަތަމަ އަކުރެއްގެ ގޮތުގައ (ޅ) ހިމަނައި ކައުންސިލް އިންތިހާބު ބާއްވައި މެންބަރުން ހުވާކުރަންދެން، މިހާރު ތިބި ކައުންސިލަރުން މަގާމުތަކުގައި ދެމިތިބޭނެކަމަށް ހިމަނާފައިވެއެވެ. އަދި (ޅ)ގެ ފަހަތަށް (ކ) އެއް އިތުރުކޮށް މަގާމުގައި ދެމިތިބޭ ކައުންސިލަރުން އަމަލުކުރާނީ ރައްޔިޔުންގެ މަޖިލީހުން ފާސްކުރާ ގާނޫނުގައިވާގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.

އަދި މި މާއްދާގެ (ޅ) ގައި ބަޔާން ކުރާ އިންތިގާލީ މުއްދަތުގައި މަގާމުގައި ދެމިތިބޭ ކައުންސިލްތަކުގެ މެންބަރުން މަގާމުގައި ދެމި ތިބޭއިރު އެ މެންބަރުން އަމަލު ކުރާނެ އިންތިގާލީ އުސޫލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގައި ކަނޑައަޅަންވާނެ ކަމަށް، އިތުރުުކުރި އެވަނަ އަކުރުގައިވާ (ކ) ގައި ބުނެފައިވެއެވެ.

އެއީ މިރޭގެ ޖަލްސާގައި ފާސްކުރި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020" އެވެ. އެ ބިލުގައި މަގާމުގެ މުއްދަތު އިތުރުކުރާ ކައުންސިލަރުން މަގާމުގައި ތިއްބަވާ އިންތިގާލި މަރުހަލާގައި ކައުންސިލްތަކުން އަމަލުކުރަންޖެހޭ ގޮތް ވަނީ ބަޔާންކޮށްފައެވެ.