ދިވެހި ރެޑް ކްރެސެންޓު (އެމްއާރުސީ)ގެ ކޮވިޑް-19 މައިގްރަންޓްސް ރިލީފް ފަންޑަށް 1.3 މިލިއަން ރުފިޔާގެ އެހީ ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
އެމްއާރުސީގެ ކޮވިޑް 19 ރެސްޕޮންސް މަސައްކަތުގެ ތެރެއިން އެ ފަންޑު ތައާރަފްކުރީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.
އެމްއާރުސީން ބުނީ، އެއްމަހުގެ މުއްދަތަށް ހުޅުވާލި އެ ފަންޑަށް މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ހަތަރު އެކައުންޓަށް މުޅި ޖުމްލަ 1،374،745.79 ލިބިފައިވާ ކަމަށެވެ.
މި ފަންޑުގެ ބޭނުމަކީ ކޮވިޑުގެ ސަބަބުން އިގްތިސާދީ ދަތިކަން ކުރިމަތިވެފައިވާ ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގަމުން އަންނަ ހަރަކާތްތައް އިތުރަށް ފުޅާކޮށް، ހާލުގައި ޖެހިފައިވާ ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އެގޮތުން އެމްއާރުސީގެ މާލޭ ގޮފީގެ ފަރާތުން ހިންގާ މައިގްރަންޓްސް ސަޕޯޓް ސެންޓަރުން ބިދޭސީންނަށް ކާބޯތަކެތި ހަމަޖައްސައިދިނުމާއި ސާފުތާހިރުވުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ އިތުރުން އެހެނިހެން ކަންކަމުގައި ވެސް އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ.
އެމްއާރުސީން ބުނީ، ފަންޑަށް ލިބުނު ފައިސާގެ 85 ޕަސެންޓް ބޭނުންކުރެވޭނީ ހާލުގައި ޖެހިފައިވާ ބިދޭސީންގެ ކާބޯތަކެތީގެ ކަންކަން ހަމަޖައްސައިދިނުމަށް ކަމަށެވެ. އަދި 10 ޕަސެންޓް ހައިޖީން ޕްރޮމޯޝަންގެ ހަރަކާތްތަކަށް ހަރަދުކުރާއިރު ބާކީ ފަސް ޕަސެންޓް ކަނޑައަޅާފައިވަނީ އިދާރީ ހަރަދުތައް ހަމަޖެއްސުމަށް ކަމަށެވެ.
އެގޮތުން މައިގްރަންޓް ސަޕޯޓް ސެންޓަރުން މިހާތަނަށް 3600 އަށްވުރެ ގިނަ ބިދޭސީންނަށް އެއް ލައްކަޔަށްވުރެ ގިނަ މީލްޕެކް ފޯރުކޮށްދީފައިވާއިރު ސައިބޯނި، ޝޭމްޕޫ، ތުވާލި، ދަތް އުނގުޅާ ބުރުސް އަދި ބޭސް ހިމެނޭ 550 ހައިޖީން ކިޓްސް ފޯރުކޮށްދީފައިވާ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.