ޚަބަރު

ކޮވިޑުގެ ހާލަތު މަޑުޖެހުމުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އިސް ބައިވެރިންނަށް ދައުވާ ކުރަން ފޮނުވޭނެ: އިމްރާން

އަލީ ޔާމިން

ކޮވިޑް 19ގެ ހާލަތު މަޑުޖެހުމުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގައި އިސްކޮށް ހަރަކާތްތެރިވި އެންމެންގެ މައްޗަށް ދައުވާކުރަން ފޮނުވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ"ގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން މިރޭ ވިދާޅުވީ އެ މައްސަލައިގައި އެންމެ އިސްކޮށް ބައިވެރިވެފައިވާ މީހުން ހޯދިފައިވާ ކަމަށާއި އެމީހުން މިހާރުވެސް ތިބީ ބަންދުގައި ކަމަށެވެ. އަދި ކޮވިޑުގެ ހާލަތު މަޑުޖެހިލުމުން އެމީހުންނަށް ދައުވާ ކުރުމަށް ފޮނުވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން އެ ތަހުގީގަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވޭ. އަޅުގަނޑުމެންނަށް އޭގެ އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް މިހާރުވެސް ތިބީ ބަންދުގައި. އެބޭފުޅުންގެ ތަހުގީގު ކުރެވެމުން އެބަދޭ. ކޮވިޑާ ހެދި މާލެ ލޮކްޑައުންއަކާ ހަމައަށް ދިޔައިރުގައި އެންމެ ފަހުގެ ބަޔާންތައް ނެގި ސޮއިކުރުމާ ހަމައަށް ގޮސްފައި ހުރީ. ކިރިޔާވެސް މަސައްކަތް ކުރެވެން ފެށޭއިރަށް އޭގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހުންނަށް ދައުވާކުރުމަށް ހުރީ ތައްޔާރީ ހާލަތުގައި،" މިނިސްޓަރު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގައި 267 މީހަކަށް މަންފާ ލިބިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުގައިވެއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެންބަރަކާއި މިހާރުގެ މަޖިލީހުގެ 16 މެންބަރަކާއި މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރަކާއި ކުރީގެ ސަރުކާރުތަކުގެ އިސް މަގާމުތަކުގައި އުޅުއްވި 30 ބޭފުޅަކާއި މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅަކާއި ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ ގޮތުން ފަސް ބޭފުޅަކާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ހަތް އޮފިސަރަކު ހިމެނޭ ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށްވެސް ތުހުމަތުތައް އުފުލާފައިވާ އިރު، އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.