ޚަބަރު

މާލޭގައި ކުއްޔަށް އުޅެވޭނެ ގޮތެއް ނެތިގެން ރަށަށް ދާން އެދި ގިނަ ބަޔަކު އަންނަނީ އެދެމުން: ޖެންޑާ މިނިސްޓްރީ

1

މާލޭގައި ކުއްޔަށް އުޅެވޭނެ ގޮތެއް ނެތިގެން ރަށަށް ދާން އެދި ގިނަ ބަޔަކު އެދެމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ދިމާވެފައިވާ އިގްތިސާދީ ދަތިތަކުގެ އިތުރުން ވަޒީފާތައް ގެއްލުމުންދާތީ އާއިލާ ބެލެހެއްޓުމުގައި ދަތިތައް ދިމާވަމުން އަންނަ ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު ރަށަށް ދާން ބޭނުން ވެގެން ވެސް އެދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާ ހަމައަށް މިފަރާތްތަކުން އަންނަނީ ކުއްޔަށޭ މިއުޅެނީ އެކަމަކު މިހާލަތު އައިމަ ތިމަންނަމެންނަކަށް ނެތޭ އިތުރަށް އެފޯޑް ކުރެވޭކަށް. އެހެންވީމަ ތިމަންނަމެން ރަށަށް ފޮނުވަން. ރަށަށް ދިއުމަށްޓަކާ ވަރަށް ގިނަ ފަރާތްތައް އެބަ އާދޭ. މާލޭގެ ރަށްވެހިންވެސް އެބައާދޭ އަޅުގަނޑުމެންނާ ހަމައަށް މި ހާލަތު އައިސްގެން،" ޔުމްނާ ވިދާޅުވިއެވެ.

އޭނާ ހިއްސާކުރެއްވި ސްލައިޑުގައި ބުނެފައިވާ ގޮތުން އޭޕްރިލް 17 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ޖުމްލަ 220 މީހަކު ގެއިން ނެރިގެން ޖެންޑާ މިނިސްޓްރީގެ ހޮޓްލައިނަށާއި މެއިލްއަށް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އެއީ ކިތައް އާއިލާ ކަމެއް ނުވަތަ އެ އާއިލާތަކުގައި ކުޑަކުދިން ތިބި އަދަދެއް ނޭނގެއެވެ.

ޔުމްނާ ވިދާޅުވީ، ކުލި ނުދެއްކިގެން ގެއިން ނެރެމުން އަންނަ އަދަދުތައް އިތުރުވަމުން އަންނަ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟