އިތުރު 35 މީހަކު ކޮވިޑުން ރަނގަޅުވެ، ރާއްޖޭގައި ބަލީން ފަސޭހަވީ މީހުންގެ ޖުމުލަ އަދަދު 488 އަށް އަރައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ބަލިން ރަނގަޅުވީ މީހުންގެ ޖުމުލަ 488 އަށް އަރާފައިވާ ކަމަށެވެ.
"ޖުމުލަ މި ބައްޔަށް ބޭސްކުރެވުނު މީހުންގެ ތެރެއިން ﷲގެ ރަހުމަތާއެކު ޝިފާ ލިބިފައިވާ އިތުރު 35 މީހަކު މިއަދު އެބަތިބި. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިވަނީ 488 އަށް އަރާފައި،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00އާ ހަމައަށް ތިން ލެބޯޓަރީން ޖުމުލަ 979 ސާމްޕަލެއްގެ ނަތީޖާ ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން 56 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
"ރާއްޖޭގައި މިހާރު ޓެސްޓު ހެދެމުންދާ ތިން ލެބޯޓަރީއެއް އެބަހުރި. އެއީ އައިޖީއެމްއެޗްގެ ލެބޯޓަރީ އާއި ޕޮލިސްގެ ލެބޯޓަރީ އާއި އޭޑީކޭގެ ލެބޯޓަރީ. އެއްކޮށް ޖުމުލަ ސާމްޕަލްގެ ނަތީޖާ ލިބިފައި މިވަނީ 979 ސާމްޕަލެއްގެ. މީގެ ތެރެއިން 56 ޕޮޒިޓިވް ކޭސްއެއް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބައޮތް. އަދި މިވަގުތު ނަތީޖާ ނުލިބި ހުރި ސާމްޕަލްގެ އަދަދަކީ 424. މިއަދު ނެގިފައިވާ ސާމްޕަލުތަކުގެ އަދަދަށް ބަލައިލާ އިރުގައި 851 ސާމްޕަލެއް މިވަނީ މިއަދު ވެސް ނެގިފައި،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ޕޮޒިޓިވްވި 56 މީހުންގެ ތެރޭގައި ހިމެނެނީ 24 ދިވެއްސަކާއި 29 ބިދޭސީއަކު ކަމަށާއި އޭގެ ތެރެއިން ގިނަ މީހުންނަކީ ކްލަސްޓާތަކާ ގުޅުން ހުރި މީހުން ކަމަށެވެ.
"24 ދިވެހި ކޭސް، މީގެ ތެރެއިން އިންޑެޕެންޑެންޓް، މާނައަކީ އެހެން ކްލަސްޓާއަކާ ގުޅުމެއް ނެތް އެކަކު ފާހަގަކުރެވިފައިވޭ. އެހެން އެންމެން ވެސް އެއީ ކުރީގެ ކްލަސްޓާތަކާ ގުޅޭ މީހުން. ބިދޭސީންނަށް ބަލައިލާ އިރުގައި 29 ބިދޭސީން. މީގެ ތެރެއިން ހަތަރު މީހަކު އިތުރު ކްލަސްޓާތަކާ ނުގުޅޭ. 25 މީހުންނަކީ އަޅުގަނޑުމެންނަށް ފާހަގަކޮށްލެވުނު ކްލަސްޓާތަކާ ގުޅޭ މީހުން." އޭނާ ވިދާޅުވިއެވެ.