ޚަބަރު

ޑރ. މޫސައަށް ކޮވިޑް ޖެހި ރަނގަޅުވެފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް: އެންއީއޯސީ

އައިޖީއެމްއެޗްގެ ފުއްޕާމެއާ ބެހޭ ހާއްސަ ޑޮކްޓަރު ޑރ. މޫސަ ހުސެއިންއަށް ކޮވިޑް 19 ޖެހި، ރަނގަޅުވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.

ޑރ. މޫސައަށް ކޮވިޑް ޖެހި ރަނގަޅުވިކަން އެނގުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރެންޑަމްކޮށް ހެދި އެންޓިބޮޑީ ޓެސްޓަކުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި މައުލޫމާތު ފަތުރަމުންނެވެ.

އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު "ވަން" އަށް ވިދާޅުވީ، އެވާހަކައަކީ ދޮގެއް ކަމަށް ޑރ. މޫސަ ކަށަވަރު ކޮށްދެއްވާފައިވާ ކަމަށެވެ. އަދި އެފަދަ އެއްވެސް ޓެސްޓެއް ހަދާފައިނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑު ޖެހިގެން ސިއްހީ ހިދުމަތްތެރިން ވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ. އޭގެ އިތުރުން ފްރަންޓުލައިނުގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަކަށް ވެސް ވަނީ ބަލި ޖެހިފައެވެ.