އަލީ ޔާމިން
ކޮވިޑް 19އާ ގުޅިގެން އިގްތިސާދީ އަދި ސިއްހީ ކާރިސާއެއް ގައުމަށް ކުރިމަތިވެފައިވާއިރު، އެމެރިކާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެގައުމުން މަޝްވަރާކޮށްފިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމެރިކާއިން ރާއްޖެއަށާއި، ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްސްއާ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިން ގުޅުއްވައި ކޮވިޑާ ގުޅިގެން އެމެރިކާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ އެމެރިކާއިން ރާއްޖެއަށް މިހާރުވެސް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުންވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރައްވައިފައި ވެއެވެ.
މިނިސްޓަރު ޝާހިދުގެ ޓްވީޓު ރީޓްވީޓް ކުރައްވައި، އެމެރިކާއިން ރާއްޖެއަށާއި، ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްސްއާ ވިދާޅުވީ، މިނިސްޓަރު ޝާހިދާއެކު މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، ކޮވިޑު 19ގެ ހާލަތުން އަރައިގަނެ އިގްތިސޯދު ހަމަޔަކަށް އެޅުވުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެމެރިކާގެ އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމަށެވެ.
އެލައިނާ ވަނީ ރާއްޖެއިން އެމެރިކާއާ މެދު ބަހައްޓާ ގާތްކަމަށް ޝުކުރު އަދާކުރައްވައިފައެވެ.