މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވަން ފެއްޓެވީ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އެދިވަޑައިގެންނެވުމުން ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރްއެމް)ގެ އިންތިގާލީ ރައީސް، ރައީސް މައުމޫނުގެ ދަރިކަލުން ޣައްސާން "ސަންގުޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ، ރައީސް ޔާމީނާއެކުގައި ސިޔާސީ މަސައްކަތްކުރައްވަން ފެއްޓެވީ 2013ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރުގައި ކަމަށާއި އެ މަސައްކަތް ފެއްޓެވީ ބައްޕާފުޅު ވިދާޅުވެގެން ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫނާއި ދެބޭފުޅުންގެ ހިޔާލު ތަފާތުވެ، ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ރައީސް މައުމޫން ނުކުންނެވިއެވެ. ރައީސް މައުމޫނާއެކު ޣައްސާން މައުމޫން ފިޔަވައި އެހެން ހުރިހާ ދަރިކަލުންވެސް ރައީސް ޔާމީނާ ދެކޮޅަށް ނުކުންނެވިއެވެ. ރައީސް މައުމޫނާއި ރައީސް ޔާމީންގެ މެދުގައި އެންމެ ފުރަތަމަ މައްސަލަ ޖެހެން ފެށީ ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މިލްކުވެރިކަމާ މެދު ދެބޭފުޅުންގެ މެދުގައި އުފެދުނު ބަހުސްގެ ތެރެއިންނެވެ.
ޣައްސާން މައުމޫން ވިދާޅުވީ، އާއިލާގެ ތެރޭގައި އަބަދުވެސް ސިޔާސީ މައްސަލަ ޖެހޭ ކަމަށާއި ނަމަވެސް ކޮންމެ މައްސަލައެއްވެސް މަޝްވަރާގެ އުސޫލުން ހައްލު ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ސިޔާސީ މައްސަލައެއް އަޅުގަނޑުމެންގެ އާއިލާގައި ޖެހުނު މިއީ ފުރަތަމަ ފަހަރެއް ނޫން. އަޅުގަނޑަށް ގަބޫލުކުރެވެނީ ކޮންމެ މައްސަލައެއް ވެސް ހައްލުކުރެވޭނީ މަޝްވަރާކޮށްގެން ކަމަށް،" ޣައްސާން ވިދާޅުވިއެވެ.
ޣައްސާން އެފަދައިން ވިދާޅުވިއިރު ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ދާދި އަވަހަށް ރައީސް ޔާމީންގެ ދިފާއުގައި ވާހަކަދައްކަވާފާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ޣައްސާން މިހެން ވިދާޅުވީ އޭނާއަށް އަމާޒުކޮށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ފާޑު ވިދާޅުވުމުން އެބޭފުޅުންނަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓުތަކެއްގައެވެ.
ނަމަވެސް ޣައްސާންގެ އެ ޓުވީޓުތަކަށް ރައްދުދެއްވައި ގައްސާންގެ ދައްތަ އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ، ކޯލިޝަން އޮތީ ބަދަހިކޮށް ކަމަށާއި ކޯލިޝަން ނުރޫޅޭނެ ކަމަށެވެ.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރައީސް ޔާމީންގެ ފަހަތްފުޅަށް ރައީސް މައުމޫން އަރަން ޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެކަން އެގޮތަށް ރައީސް މައުމޫން ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.