ޚަބަރު

ކަރަންޓީން ކުރަން އަމިއްލަ އިމާރާތްތައް ސަރުކާރަށް ނެގޭ ގޮތަށް ގަވައިދު އެކުލަވާލައިފި

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި، މީހުން ކަރަންޓީން ކުރުމުގެ މަރުކަޒެއް ކަމުގައި ހިންގުމަށް މީހެއްގެ އިމާރާތެއް ހަވާލުކުރަން އެންގުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ގަވައިދެއް އެކުލަވާލައި، އަމަލުކުރަން ފަށައިފިއެވެ.

ކޮވިޑް 19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ބަލި ޖެހޭ މީހުންނާއި ބަލީގެ އަލާމާތް ހުންނަ މީހުން އަދި ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީން ކުރަމުން އަންނަނީ ރިސޯޓްތަކުގައާއި ސަރުކާރުން އަމިއްލައަށް ގާއިމުކޮށްފައިވާ ފެސިލިޓީތަކުގައެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ގެޒެޓްކޮށްފައިވާ އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުން، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައާއި ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ނުވަތަ ނުރައްކާތެރި ބައްޔެއް ކަމަށް ކަނޑައަޅާފައިވާ ބައްޔަކާ ގުޅިގެން އެކަހެރި ކުރަންޖެހޭ މީހުންނާއި ކަރަންޓީނު ކުރަންޖެހޭ މީހުން ބައިތިއްބާ މަރުކަޒުތައް ކަނޑއަޅާނީ ހެލްތު މިނިސްޓަރެވެ.

ނަމަވެސް އެގޮތަށް މީހެއްގެ އިމާރާތެއް ވަޒީފާ ހަވާލުކުރުމަށް އަންގައި އެކަމަށް އަމުރެއް ކުރެވޭނީ ދެ ހާލަތެއްގައެވެ. އެއީ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރުމުގެ ސީދާ ނުރައްކާ ކުރިމަތިވުން އަދި ނުރައްކާތެރި ބަލިމަޑުކަމަކާ ގުޅިގެން މީހުން އެކަހެރިކޮށް ބައިތިއްބުމަށް ނުވަތަ ކަރަންޓީނުކޮށްފައި ބައިތިއްބުމަށް އެ އިމާރާތް ކޮންމެހެން ވެސް ބޭނުންވުމެވެ.

ގަވައިދުގައި ބުނެފައިވާ ގޮތުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން ކަރަންޓީން ކުރުމަށް މީހެއްގެ އަމިއްލަ އިމާރާތެއް ކޮންމެހެން ބޭނުންވެއްޖެނަމަ، އެތަނެއް ގިނަވެގެން އެއް އަހަރަށް ސަރުކާރާ ހަވާލު ކުރަން އެންގުމުގެ ބާރު މިނިސްޓަރަށް އޮންނާނެއެވެ.

އޭގެ އިތުރުން ހަވާލުކުރަން އަމުރުކުރާ ތަނަކީ މީހުން ދިރިއުޅޭ ތަނެއްނަމަ އެ އިމާރާތެއް ވަޒީފާ ހަވާލުކުރުމަށް އަންގަންވާނީ އެފަދަ ތަނެއްގައި ދިރިއުޅޭ މީހުންނަށް ވަގުތީ ތަނެއް ހޯދައިދިނުމަށް ފަހުގައި ކަމަށާއި އިމާރާތް އަނބުރާ ހަވާލުކުރުމުގެ ކުރިން އެތަން ބޭނުންކުރި މުއްދަތުގައި އެ ހިސާބުގައި ހުރި އެފަދަ އިމާރާތެއް އާންމުކޮށް ކުއްޔަށްދޭ އަގަކީ ކޮބައިތޯ ބަލައި، އެ އަދަދަށް އެ އިމާރާތް ބޭނުންކުރި މުއްދަތަށް، އިމާރާތުގެ ވެރިފަރާތަށް، ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ބަދަލު ދޭންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ގަވައިދުގައިވާ ގޮތުން މީހުން ކަރަންޓީން ކުރުމަށް އިމާރާތެއް ހަވާލު ކުރަން އަންގާ އެންގުމަކަށް އެ ތަނެއްގެ ވެރި ފަރާތުން ދެކޮޅު ހަދައިފިނަމަ، ތަނެއް ހޯދުމުގެ ކޯޓު އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅިދާނެއެވެ.

މި ގަވައިދުގައި އައިސޮލޭޝަން މަރުކަޒުތަކާއި ކަރަންޓީން މަރުކަަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތައް ވެސް ބަޔާންކޮށްފައިވެއެވެ. އަދި އެ ގަވައިދުގެ ދަށުން ހަދާ މަރުކަޒުތަކުގައި ކަރަންޓީންކުރުމުގެ މުއްދަތު ނިމުމުން އަނބުރާ ފޮނުވާލުމުގައްޔާއި މަރުކަޒުތައް ހިންގުމާ ގުޅޭ އިދާރީ ކަންކަން ހިމެނޭ ގޮތަށް ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) އެއް ދެ މަސް ދުވަސް ތެރޭގައި ޑިރެކްޓަރު ޖެނެރަލް އެކުލަވާލަންޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.