ޚަބަރު

އިތުރު ގަޑީގެ ފައިސާދޭ އުސޫލު ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ކޮވިޑް 19އާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެެއިން، ސިވިލް ސާވަންޓުންގެ އިތުރު ގަޑީގެ ފައިސާދޭ އުސޫލު ބަދަލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހެޅީ، ބަންޑާރަނައިބުގެ އޮފީހުގައި ކުރިން މަސައްކަތްކުރައްވާފައިވާ ގާނޫނީ ވަކީލާ ހައްވާ ޝަފީއާ ރިޒާއެވެ.

އެ މައްސަލައާ ގުޅިގެން ހައްވާ ޝަފީއާ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާދޭ އުސޫލަށް ގެނައި ބަދަލުގައި ގާނޫނީ ގޮތުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަަމަށެވެ.

ކޮވިޑާ ގުޅިގެން އިތުރު ގަޑީގެ ފައިސާދޭ އުސޫލުތަކަށް ގެނައި ބަދަލު އާއްމުކޮށް، ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނެފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އިތުރު ގަޑީގެ ފައިސާ ދޭނީ ހަފުތާއަކު 48 ގަޑިއިރު ހަމަވުމުން ކަމަށެވެ.

އެކަމާ ގުޅިގެން ޝަފީއާގެ ސިޓީގައި ބުނެފައިވަނީ، ރަސްމީ މަސައްކަތު ގަޑިއަށްވުރެ އިތުރަށް ސިވިލް ސާވިސްގެ މުވައްޒަފަކު ލައްވައި މަސައްކަތް ކުރުވައިފި ނަމަ، އިތުރަށް މަސައްކަތްކުރުވި ވަގުތަށް އިތުރު ގަޑީގެ ފައިސާ ދޭން ވާނެ ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވާ އިރު، އެއާ ހިލާފަށް ގަވައިދު ވެސް ބަދަލުނުކޮށް ސާކިއުލާތަކެއް މެދުވެރިކޮށް ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ދޭ ގޮތަށް ބަދަލު ގެނައީ ގަވައިދާ ހިލާފަށް ކަމަށެވެ. އަދި އެއީ ފިނޭންސް މިނިސްޓަރާއި ސިވިލް ސާވިސް ކޮމިޝަނަށް ލިބިގެންވާ ބާރެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

ސިޓީގައި އިތުރަށް ބުނެފައިވަނީ، ވަޒީފާއާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާއަކީ ވަޒީފާ ދޭ ފަރާތުން އިތުރު ގަޑީގެ ފައިސާ ދޭން ލާޒިމްވާނެ މުއްދަތު ބަޔާންކޮށްދިނުމާ ބެހޭ މާއްދާއެއް ނޫން ކަމަށެވެ. އަދި އިތުރު ގަޑީގައި ނުހިމެނޭ ގޮތުން، ހަފުތާއަކު މީހަކު ލައްވައި 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރުވައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވަނީ، މުވައްޒަފަކު ލައްވައި އެންމެ ގިނަވެގެން ހަފުތާއަކު މަސައްކަތް ކުރުވޭނެ ވަގުތު ބަޔާންކޮށްދިނުމުގެ މަގުސަދުގައި ކަން އެ މާއްދާގެ ސީދާ ނައްސުން އެނގެން އޮންނަ ކަމަށް ވެސް ބުނެފައިވެއެވެ.

ސިޓީގައި ބުނެފައިވަނީ އުސޫލަށް ބަދަލު ގެނަސް، ވަޒީފާއާ ބެހޭ ގާނޫނުގެ 37 ވަނަ މާއްދާއާ ފިނޭންސް މިނިސްޓްރީން ހިލާފުވެފައިވާ ކަމަށެވެ.

މުވައްޒަފަކު ލައްވައި އިތުރު ގަޑީގެ މަސައްކަތް ކުރުވައިފިނަމަ، އޭނާގެ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރުގެ މަދުވެގެން ¼1 ބަޔަށްވާ ފައިސާ، އަދި އެގޮތަށް މަސައްކަތްކުރުވީ، ހުކުރު ދުވަހެއް ނުވަތަ ރަސްމީ ބަންދު ދުވަހެއްގައި ނަމަ، އެމީހެއްގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން ½1 ބަޔަށްވާ ފައިސާ، އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ދޭންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ސިޓީގައި ބުނެފައިވަނީ، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އާއި އިތުރު ގަޑީގެ ފައިސާގެ އިނާޔަތްތަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެފަރާތްތަކުުގެ އަސާސީ ހައްގެއް ކަމަށެވެ. އެއަށް އުނިކަމެއް ނާންނަ ގޮތުގެ މަތިން އަމަލުކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ މައްސަލައިގައި ފިނޭންސް މިނިސްޓްރީ އާއި ސީއެސްސީ ގާނޫނާ ހިލާފުވެފައިވާ ކަމަށް ބެލެވޭތީ، އެފަރާތްތައް ޖަވާބުދާރީ ކުރުވުމުގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި ސަރުކާރާއި ދައުލަތުގެ އެކި މުއައްސަސާތަކުން ރައްޔިތުންގެ އަސާސީ ހައްގުތައް ހިފަހައްޓަމުންދާ ގޮތްތަކަށް ފާރަވެރިވެ ޖަވާބުދާރީކުރުވުމަކީ މުހިންމު ކަމަކަށްވާތީ، މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް އެކަން ހުށަހަޅައިދިނުމަށް ސިޓީގައި ވަނީ އެދިފައެވެ.