ފުލުހުންނާއި ޖަލު އޮފިސަރުން ގާނޫނާ ހިލާފަށް ހިންގާ ކަންކަން ބެލުމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ހިނގުން ލާޒިމު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުން ވެސް އަދި ޖަލުތަކުގައި ވެސް ނާއިންސާފުން ކަންކަން ނުހިނގާނެހެން ސިޔާސަތުތައް އެކުލަވާލުމަކީ ހޯމް މިނިސްޓްރީން ކުރާ ކަމެއް ކަމަށެވެ. އަދި ވަކިވަކި އޮފިސަރުންގެ މައްސަލަތަކުގައި ފިޔަވަޅު އެޅުމަކީ ގާނޫނީ ގޮތުން އެންއައިސީއަށް ލާޒިމުކޮށްފައިވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ހޯމް މިނިސްޓްރީން ވަނީ މި ސަރުކާރު އައި ފަހުން ޖަލުތަކުގަައި ސިިރިއަސް ބޮޑެތި މައްސަލަތައް ކުރިމަތިވެ ހޯމް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަނުން އެ މައްސަލަތަކުގައި ފިޔަވަޅު އަޅަން މަސައްކަތްކޮށްފައިވީ ނަމަވެސް އެންއައިސީގެ ހަބަރެއް ނުވާ ކަމަށް ބުނެފައެވެ.
މީގެ އިތުރުން ފުލުހުންގެ އެކި މައްސަލަތައް ފެންމަތިވެ އެކަމާ އާންމުންގެ ފާޑުކިޔުން ކުރިމަތިވެފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އަދި މިކަމާ މިނިސްޓަރު އިމްރާން އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކަންބޮޑުވުން ފާޅުކޮށްފައިވާ އިރުވެސް އެންއައިސީގެ އަޑެއް ނީވޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ އިތުރުން ކަސްޓަމްސް އަދި އިމިގްރޭޝަން އޮފިސަރުން ގާނޫނާ ހިލާފަށް ކުރާ ކަންކަން ބަލައި ތަހުގީގުކޮށް، އެ މައްސަލަތައް ޕީޖީއަށް ފޮނުވުމުގެ ބާރު ގާނޫނުން އެންއައިސީއަށް ދީފައިވެއެވެ. މިނިސްޓަރު އިމްރާނުގެ ޓުވީޓަކީ އެންއައިސީއަށް ގާނޫނުން މި ބާރު ދީފައިވީނަމަވެސް، އެ ކޮމިޝަނުގެ އެއްވެސް ހަރަކާތެއް ނުފެންނާތީ އެކަމަށް އަމާޒު ކުރައްވައި ކޮށްފައިވާ ޓުވީޓެކެވެ.