ސަރުކާރު ހިންގާ ކޯލިޝަން މިއަދުވެސް އޮތީ އެކުގައި ކަމަށާއި ކޯލިޝަނެއް ނުރޫޅޭނެ ކަމަށް ވިދާޅުވެ ޣައްސާން މައުމޫނަށް ހެރިޓޭޖް މިނިސްޓަރު އަދި ޣައްސާންގެ ދައްތާފުޅު ޔުމްނާ މައުމޫން ރައްދު ދެއްވައިފިއެވެ.
ޔުމްނާ އެހެން ވިދާޅުވީ، ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އުފައްދާފައި އޮތް ވެރިކަން ކާމިޔާބުކުރި ކޯލިޝަން ރޫޅުމާއެކު އެމަނިކުފާނުގެ ދިފާއުގައި އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުކުންނަވާ މަންޒަރު ފެންނާނެ ކަމަށް ޣައްސާން ވިދާޅުވި ކަމަށް ލިޔެފައިވާ ހަބަރެއް ރީޓުވީޓް ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
"މިއީ ކޯލިޝަނަަކުން ގެނައި ސަރުކާރެއް. މިދަތި އުނދަގޫ ވަގުތުގައި ވެސް ރައްޔިތުންނަށްޓަކައި ކޯލިޝަން ސަރުކާރުން މި މަސައްކަތް ކުރަނީ އެކުގައި. އިރާދަކުރެއްވިއްޔާ ކޯލިޝަނެއް ނުރޫޅޭނެ،" ޔުމްނާގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ޔާމީންގެ ވެރިކަމުގައި ބައްޕާފުޅު، މައުމޫން އަދި ބޭބޭފުޅު ފާރިޝް ޖަލަށް ލުމުން ވެސް ޔާމީނާ އެކުގައި ހުންނެވި ޣައްސާން ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ ޔާމީނަށް ނުހައްގުން ސިޔާސީ ހުކުމެއް އިއްވިނަމަ ބައްޕާފުޅު މައުމޫނާއި ބޭބޭފުޅު ފާރިސް މައުމޫން ވެސް އެކަން ފާހަގަކުރައްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޓުވީޓެއް ކުރައްވައިފައެވެ. އެ ޓުވީޓަށް ރައްދު ދެއްވާ ޣައްސާން ވިދާޅުވީ އެ ދުވަސް ވަރަށް ގާތުން އޭނާއަށް ފެންނަ ކަމަށެވެ.
"އެކަންތައް ކޯލިޝަން މުގުރުމާއެކު ފެންނަން ފަށާނެ. އެ ދުވަސް ދާދި ކައިރިން ފެންނަ ކަހަލަ." މިނިސްޓަރުންގެ ނޯކޮންފިޑެންސް ހޭޝްޓެގް ކުރައްވައި ޣައްސާން ވިދާޅުވިއެވެ.
ބެލެވޭގޮތުގައި ޣައްސާން އިޝާރާތް ކުރައްވާފައި އެވަނީ، އެމްއާރްއެމުގެ ސްލޮޓުގައި ފިޝަރީސް މިނިސްޓަރުުކަމުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދު މިނިސްޓަރު ކަމުގެ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ތެރެއިން އެމްޑީޕީ މެންބަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށެވެ.
މަގާމުގެ ޒިންމާ އަދާ ނުކުރައްވާ ކަމަށް ވިދާޅުވެ ޒަަހާގެ މައްސަލަ މިހާރު ވަނީ މަޖިލީހުގެ ގަވައިދު ކޮމިޓީން މަޖިލީހަށް ހުށަހަޅައިފައެވެ. އެ މައްސަލައަށް މިރޭވެސް ބަހުސް ކުރަން ވަނީ އެންޖެޑާ ކޮށްފައެވެ.