ވިޔަފާރި ހުއްދަ ހޯދުމަށް އެދިފައިވާ ވިޔަފާރިތަކުގެ ތެރެއިން އިތުރު 2207 ވިޔަފާރިއަކަށް ހުއްދަ ދޫކޮށްފިއެވެ.
ފުލުހުންގެ ކޮވިޑް 19 ސިޗުއޭޝަން ރޫމްގެ މައުލޫމާތު އާންމުކުރުމަށް ފުލުހުން ހަދާފައިވާ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި މި 2207 ވިޔަފާރިއަކީ ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް އެދުނު ވިޔަފާރިތަކެވެ.
އެގޮތުން މި 2207 ވިޔަފާރިތަކަކީ މި ޕޯޓަލުން ވިޔަފާރި ހުއްދަ ހޯދުމަށް އެދުނު މީހުންގެ ތެރެއިން ހުއްދަ ދޫނުކުރެވި ތިބި މީހުން ކަމަށް ފުލުހުން ބުނެއެވެ.
ރޭ ފުލުހުން ކުރި ޓުވީޓެއްގައި ބުނީ މިއަދު ހެނދުނުގެ ކުރިން ސައްހަ އެޕްލިކޭޝަން ހުށަހަޅާފައިވާ ހުރިހާ ވިޔަފާރިތަކަށް ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ މިންގަނޑަށް ފެތޭ ހުރިހާ ސައްހަ އެޕްލިކޭޝަނަކަށް ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮވިޑް 19ގެ ސަބަބުން މާޗް މަހު ފަހުކޮޅުން ފެށިގެން މާލޭ ސަރަހައްދު ލޮކްޑައުންކޮށްފައިވާ އިރު، މި ހަފުތާގައި ލޮކްޑައުންއަށް ވަނީ ލުއިތަކެއް ދީފައެވެ. އަދި އިތުރު ވިޔަފާރިތަކަށް ޑެލިވަރީ ހިދުމަތް ދިނުމުގެ ހުއްދަ ދިނުމަށް ނިންމާފައިވެއެވެ.