ޝަހީދާ އަބްދުﷲ ސައީދު
ސަރުކާރުގެ ފުރަތަމަ 30 ދުވަސްތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ''ރަށްފެހި ޕްރޮގްރާމް'' ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.
''ރަށްފެހި ޕްރޮގްރާމް''ގެ ދަށުން އެންމެ ފުރަތަމަ ރުއްގަސް އިންދާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ.
ޕި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމުގެ ގޮތުން އެމަނިކުފާނު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހޭޅިފަށުގައި ރުއްގަސް އިންދަވައިދެއްވައިފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިއަދު އިންދި ރުއްގަހަކީ އެއްވެސް ރަށަކުން ނަގައިގެން އިންދި ރުއް ގަހެއް ނޫން ކަމަށާއި އެއީ ހުޅުމާލޭގައި ހުންނަ ނާސަރީގައި މުޑުވަށްކޮށްގެން އިންދި ރުއްގަސް ކަމަށެވެ.
އަދި ކޮންމެ ރައްޔިތަކުވެސް އަމިއްލަ ގޯތީގައި މަދުވެގެން އެއްގަސް ނަމަވެސް އިންދުމަށާއި ވަކިން ޚާއްސަކޮށް ކާބޯތަކެތި އަޅާ ގަސްތަކާއި ކެއުމަށް ބޭނުންކުރާ ފަތްޕިލާވެލި ފަދަ ގަސްތައް ގިނަ ކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
މި ޕްރޮގްރާމްގެ ދަށުން ދެވަނަ ފިޔަވަހީގެ ހޭޅިފަށުގައި 250 ރުކާއި 250 ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އެ ރަސްމިއްޔާތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ރުއްގަސް އިންދައިދެއްވިއެވެ. މިރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަދި ރާއްޖޭގެ ރަށްތައް ފެހި ކުރުމަށްޓައި ރާއްޖޭގެ ހުރިހާ ރަށެއްގައި ގަސްއިންދުމުގެ ޕްރޮގްރާމެއް ފެށުމަކީ ސަރުކާރުގެ 30 ދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. އަދި އެއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެތެރޭގައި ތަންފީޒު ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރެއިން ދެވަނަ ހަރަކާތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.