މުހައްމަދު އައުޒަމް
ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް މަގޫދޫގައި ސެނިޓައިޒާ އުފައްދައިފިއެވެ.
ފ. މަގޫދޫގައި ހުންނަ އިޓަލީގެ ބިކޯކާ ޔުނިވާސިޓީގެ މެރިން ރިސާޗް އެންޑް ހައި އެޑިއުކޭޝަން ސެންޓަރުން އުފެއްދި ސެނިޓައިޒާ އުފައްދާފައި ވަނީ ރާއްޖެއިން ލިބޭ ގުދުރަތީ ތަކެތި ބޭނުން ކޮށްގެންނެވެ.
މެރިން ރިސާޗް އެންޑް ހައި އެޑިއުކޭޝަން ސެންޓަރުން އާންމުކޮށްފައިވާ ގޮތުގައި މި ސެނިޓައިޒާ އުފައްދާފައިވަނީ މައިގަނޑުގޮތެއްގައި ކާށި ބޭނުންކޮށްގެން ކަމަށާއި އަދި ވަސްމީރު ކުރުމަށް މާމަލުގެ ފިޔަ ބޭނުންކޮށްގެންނެވެ. މި ސެނިޓައިޒާ ޖެލް އުފައްދާފައިވަނީ ޑަބްލިއުއެޗްއޯގެ ހޭންޑް ހައިޖީން އިން ހެލްތު ކެއާގެ މިންގަނޑުތަކާ އެއްގޮތަށެވެ.
ރާއްޖޭގައި މިއުފެއްދި ސެނިޓައިޒާ ފަސޭހަކަމާއެކު ރިސޯޓުތަކާއި އަމިއްލަ ފަރާތްތަކަށްވެސް ފަސޭހައިން އުފެއްދިދާނެ ކަމަށް މެރިން ރިސާޗް އެންޑް ހައި އެޑިއުކޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.
މެރިން ރިސާޗް އެންޑް ހައި އެޑިއުކޭޝަން ސެންޓަރުގެ ޑިރެކްޓަރު ޕައޮލޯ ގައްލީ ވަނީ އެސެންޓަރުން އުފެއްދި ސެނިޓައިޒާ އަކީ ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީއެއްގެ ގޮތުގައި އުފެއްދި ޕްރޮޑަކްޓެއް ކަމަށާއި މި އުފެއްދުމުގެ ރެސިޕީ ނުވަތަ އުފެއްދުމާބެހޭ އެއްވެސް މައުލޫމާތެއް ބޭނުން ނަމަ ހިއްސާ ކުރާނެކަމަށް ބުނެފައެވެ.
އިޓަލީގެ ބިކޯކާ ޔުނިވާސިޓީން 2009 ވަނަ އަހަރުން ފެށިގެން ފ. މަގޫދޫގައި ހިންގަމުން އަންނަ މެރިން ރިސާޗް އެންޑް ހައި އެޑިއުކޭޝަން ސެންޓަރަކީ ތިމާވެއްޓާއި ގުޅޭ ސައިންސްގެ އިލްމުގެ އިތުރުން މެރިން ބަޔޮލޮޖީ އާއި އެ ދާއިރާތަކާ ގުޅޭ އިލްމު އުނގަންނައިދިނުމާއި ދިރާސާތައް ކުރުމަށް އުފައްދާފައިވާ ސެންޓަރެކެވެ.