ޚަބަރު

ޖޫން އަދި ޖުލައި މަހުވެސް އެޗްޑީސީން ކުއްޔަށް ލުއިދޭން ނިންމައިފި

އަލީ ޔާމިން

ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ)އިން ކުއްޔަށް ދޫކޮށްފައިވާ ފުލެޓު، ގޯތި، ރޯހައުސް އަދި ކޮމާޝަލް ޔުނިޓްތަކާއި ސިނާއީ ބިންތަކަށް އޭޕްރީލް އަދި މޭ މަހު ދައްކަން ޖެހޭ އިންސްޓޯލްމަންޓް/ކުލީގެ 30 އިންސައްތައަށް ވާ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް ނިންމާފައިވާ ނިންމުން ޖޫން އަދި ޖުލައި މަހަށް އިތުރުކުރުމަށް ނިންމައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، އޭޕްރީލް، މޭ، ޖޫން އަދި ޖުލައި މަހުގެ އިންސްޓޯލްމަންޓް/ކުއްޔަށްވާ ފައިސާގެ 30 އިންސައްތަ ފަސްކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި 31 ޖުލައި 2020ގެ ނިޔަލަށް އެ ކޯޕަރޭޝަންގެ "މައި ހުޅުމާލެ" ވެބްޕޯޓަލްގައިވާ އޮންލައިން އެޕްލިކޭޝަން ފޯމު ހުށަހެޅޭނެ ކަމަށެވެ. މިގޮތުން މި ހަތަރު މަހުގެ އިންސްޓޯލްމަންޓް/ކުއްޔަށްވާ ފައިސާގެ 30 އިންސައްތަ ދެއްކުން ފަސްކޮށްދެވޭނީ 31 މާޗު 2020 އާ ހަމައަށް އެއްބަސްވުމުގެ ދަށުން ގަވައިދުން ފައިސާ ދައްކާ ފަރާތްތަކަށް ކަމަށާއި ކޮންމެ މަހަކު ދައްކަން ޖެހޭ އިންސްޓޯލްމަންޓް/ކުއްޔަށްވާ ފައިސާގެ 70 އިންސައްތަ އެ ކޯޕަރޭޝަނަށް ދައްކާ ހަލާސް ކުރުމުގެ ފުރުސަތު 15 އޯގަސްޓް 2020 އާ ހަމައަށް ދެވޭނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ފައިސާ ދެއްކުން ފަސްކުރުމަށް ހަމަޖެހިފައިވާ ހަތަރު މަހުގެ އިންސްޓޯލްމަންޓް/ކުއްޔަށްވާ ފައިސާގެ 30 އިންސައްތަ އެ ކޯޕަރޭޝަނަށް އަނބުރާ ދައްކަން 12 މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ. އެޗްޑީސީން ބުނީ އެ ފައިސާ އަނބުރާ ދައްކަން ފަށަން ޖެހޭނީ ނޮވެންބަރު މަހު ކަމަށެވެ. އެހެންކަމުން ފައިސާ ދެއްކުން ފަސްކުރެވޭ މުއްދަތު ނިމިގެން ހިނގާ ފުރަތަމަ ތިން މަސް ދުވަހު ކަސްޓަމަރު ދައްކަން ޖެހޭނީ ކުރިންވެސް ދައްކަމުން ދިޔަ އިންސްޓޯލްމަންޓް ކުލިކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އެއްބަސްވުމުގެ ދަށުން އެ ކޯޕަރޭޝަނަށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާހުރެ ގަވައިދުން ފައިސާ ނުދެއްކިވާ ފަރާރްތަކުން އެކަމަށް އެދި ހުށަހެޅުމުން އެ ކޯޕަރޭޝަނުން އަމަލުކުރަމުން އަންނަ ޑެޓް ކަލެކްޝަން ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތީން ފައިސާދެއްކުމަށް ލުއިތައް ދެވޭނެ ކަމަށެވެ.

އެޗްޑީސީއިން ކުއްޔަށް ދޫކޮށްފައިވާ ފްލެޓް، ގޯތި، ކޮމާޝަލް ޔުނިޓު އަދި ސިނާއީ ބިންތަކުގެ ކުއްޔަށް ދޭ ލުއިތަކާ ބެހޭ އިތުރު މައުލޫމާތު ބޭނުންނަމަ އެކޯޕަރޭޝަންގެ ވައިބާ ނަންބަރު 7290448 އަށް މެސެޖު ކުރެއްވުން އެޗްޑީސީން އެދެއެވެ.