ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕްގައި ކިޔެވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މިދިޔަ އަހަރު މަތީ ސާނަވީ ފުރިހަމަ ކުރި ދަރިވަރުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕު ލިބުނު ދަރިވަރުން ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ކިޔަވަން ފަށަން ޖެހޭނެ ކަމަށެވެ.
ރައީސްގެ ސްކޮލަޝިޕް 2017 ވަނަ އަހަރުން ފެށިގެން ދެމުން އަންނަނީ އޭ ލެވެލް އިން ފަސް މާއްދާ އިން އޭ ސްޓާ ހޯދައިގެން މުޅި ރާއްޖެއިން އެއްވަނަ ހޯދާ ނުވަތަ ސާނަވީ އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ސްޓާ ހާސިލްކޮށްފައިވާ ދަރިވަރުންނަށެވެ.
ދުނިޔޭގެ ބޭނުން ތަނަކުން ބޭނުން ދާއިރާއަކުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު އެ ސްކޮލަޝިޕް ސްކީމުން ލިބޭނެ އެވެ. ނަމަވެސް އޭގެ ބަދަލުގައި މީގެ ތިން އަހަރު ކުރިން އަލަށް ތައާރަފްކުރި ހައި އެޗީވާސް ސްކޮލަޝިޕްގެ ދަށުން ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ލިބޭނީ ސާކުގެ ގައުމުތަކާއި މެލޭޝިޔާ، ތައިލެންޑު، ފިލިޕީންސް، ޗައިނާ އަދި އޯއީސީޑީ ގައުމުތަކުންނެވެ. އެ ސްކޮލަޝީޕް ދެމުން އަންނަނީ ފަސް މާއްދާއިން އޭ ހޯދާ ދަރިވަރުންނަށް ނުވަތަ ސާނަވީ އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ހާސިލްކޮށްފައިވާ ދަރިވަރުންނަށެވެ.
މިނިސްޓްރީން ބުނީ މައި އެޑިއުގެ ޕޯޓަލް، myedu.egov.mv މެދުވެރިކޮށް ކޯސްތަކުގެ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށާއި ސްކޮލަޝިޕްގެ އުސޫލު މިނިސްޓްރީގެ ވެބްސައިޓުން ފެންނާނެ އެވެ.