އަލީ ޔާމިން
ގުޅިފަޅު ހިއްކުމުގެ ސަބަބުން ވިލިމާލޭ ފަރަށް މާ ބޮޑު އަސަރެއް ކޮށްފައި ނުވާ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.
ގުޅިފަޅުގައި ވިޔަފާރި ބަނދަރެއް ހެދުމަށް އެ ފަޅުން 192 ހެކްޓަރު ހިއްކުމުގެ ޕްރޮޖެކްޓެއް މިހާރު ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ވަނީ ފަށައިފައެވެ. މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވެ އެވެ.
ގުޅިފަޅު ހިއްކުމުގެ ޕްރޮޖެކްޓު ކުރިއަށްދާއިރު ހަދަން ޖެހޭ މޮނިޓަރިން ރިޕޯޓުތަކުގެ ހޯދުންތައް އީޕީއޭއިން ވަނީ އާންމުކުރަން ފަށައިފައެވެ.
އީޕީއޭއިން ވަނީ ވިލިނގިލީ ފަރު ކައިރީގައި ތިން ފުންމިނެއްގައި ފެނުގެ ކިލަނބުކަން ހުރި މިންވަރު ބެލުމަށް ފަހު ކިލަނބުގެ އަސަރެއް ވިލިމާލޭ ފަރަށް އަދި ކޮށްފައި ނުވާ ކަމަށާއި، އެކަން ހުރީ އާދައިގެ ވަރެއްގައި ކަމަށް ބުނެފައެވެ. މީގެ އިތުރުން މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި ގުޅިފަޅު ޕްރޮޖެކްޓުގެ ސަބަބުން ފަރުގެ ދިރުންތަކަށް އަސަރު ކުރާނެ ކަމަށް ނުފެންނަ ކަމަށް ވެސް ބުނެފައި ވެއެވެ.
އީޕީއޭއިން ބުނީ އެ އެޖެންސީއިން ދާނީ ގުޅިފަޅަށް އަޅާ ވެލި ދަތުރުކުރާ ގޮތްވެސް ބަލަމުން ކަމަށެވެ.
ބޮސްކާލިސް ކުންފުނީގެ ޓްރެއިލިން ސެކްޝަން ހޮޕާ ޑްރެޖާއެއް ބޭނުންކޮށް ގުޅިފަޅު ހިއްކުމަށް ވެލި ނެގުމުގެ މަސައްކަތް މީގެ މަހެއްހާ ދުވަސް ކުރިން ފަށާފައިވާއިރު އެ މަޝްރޫއު ކުރިޔަށްދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ހަ މިލިއަން ކިއުބިކް މީޓަރުގެ ވެލި ނަގާނެއެވެ. އަދި ދެވަނަ ފިޔަވަހީގައި 14 މިލިއަން ކިއުބިކް މީޓަރުގެ ވެލި ނަގާނެއެވެ.
ގުޅިފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހިން ތިމާވެއްޓަށް ކުރާނެ އަސަރުތަކާއި، އެކަމުގެ އިޖުތިމާއީ އަސަރުތައް ބަލަން ހެދި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓުގައިވާ ގޮތުން މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެއެވެ.
އެގޮތުން ކައިރި ފަރުތަކަށް ވެލި އެޅުމުގެ ސަބަބުން ފަރުތަކާއި މުރަކަތައް މަރުވުމާއި، ވެލީގެ ސަބަބުން ފެން ކިލަނބުވުން އެކަށީގެންވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ. ނަމަވެސް ބިން ހިއްކާއިރު، ވެލި ކަނޑަށް ފެތުރުނަ ނުދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައި ވެއެވެ. އެގޮތުން މޫދު ކިލަނބުވުން ކުޑަ ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ހިއްކަން ވެލި އަޅާއިރު، ވެއްޔަށް ބޭރު ނުވެވޭނެހެން ފަޅުގެ ބޯޑަރު ވަށައިގެން "ސޭންޑް ބަންޑް" ޖަހާނެ ކަމަށް ބުނެފައި ވެއެވެ.
ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދާތީ އެތަނުގެ ވަށައިގެންވާ ފަރުތަކަށް ގެއްލުންވަމުންދާ ކަމަށްބުނެ އެކަން އަވަހަށް ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހަށްވެސް މިހާރު ވަނީ މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލަ ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ.