ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެއް ރަށް ފެހިކޮށްލުމަށް އަނެއް ރަށް ހަނަފަސްކޮށްލުމަކީ ގަބޫލުކުރާނެ ކަމެއް ނޫން: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގެ ރަށްރަށް ފެހިކޮށްލުމަށްޓައި އަނެއް ރަށް ހަނަފަސްކޮށްލުމަކީ ގަބޫލުފުޅު ކުރައްވާނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 30 ދުވަސްތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ''ރަށްފެހި ޕްރޮގްރާމް'' އިފްތިތާހުކޮށްދެއްވުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި އެއްރަށް ފެހިކޮށްލުމަށްޓަކައި އަނެއްރަށް ހަނަފަސްކޮށްލުމަކީ އެއްގޮތަކަށް ގަބޫލުފުޅު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

އަދި ރާއްޖޭގެ ރަށްތައް ފެހި ކުރުމަށްޓައި ރާއްޖޭގެ ހުރިހާ ރަށެއްގައި ގަސްއިންދުމުގެ ޕްރޮގްރާމެއް ފެށުމަކީ ސަރުކާރުގެ 30 ދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ހަރަކާތްތަކެއް ކަމަށް ވިދާޅުވިއެވެ. އަދި އެއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެތެރޭގައި ތަންފީޒު ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރެއިން ދެވަނަ ހަރަކާތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރުއްގަސް ކެނޑުމާއި އުފުރުމާއި އެއް ރަށުން އަނެއް ރަށަށް ގެންދިއުމާ ބެހޭ ގަވާއިދު އިސްލާހުކޮށް ތަންފީޒު ކުރުމަށްޓަކައި މިހާރު ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ މަރުހަލާގައި ކަމަށެވެ.

އަދި ރާއްޖޭގެ ބައެއް ރަށުން ރުއް ގަސް ކަނޑާ މައްސަލައަށް ހައްލު ހޯދޭނީ ތިމާވެއްޓާ ބެހޭ ގާނޫނުތައް ފުރިހަމައަށް ތަންފީޒު ކުރެވިގެން ކަމަށާއި އަދި ތިމާވެށީގެ ހިމާޔަތުގައި އުފައްދާފައި ހުރި މުއައްސަސާތައް ބާރުވެރިކުރުވައި މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދެވިގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އީއައިއޭ ހެދުމުގެ ޒިންމާތައް ޓޫރިޒަމް މިނިސްޓްރީން ވަކިކޮށް ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ ވަރަށް އަވަހަށް ހަވާލުކުރެވޭނެ ކަމަށެވެ. އެކަމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ހުސްވި ހަފްތާގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.