އަލީ ޔާމިން
ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވާން މިއަދަކީ އެންމެ ރަނގަޅު ދުވަސް ކަމަށާއި އެކަމުގައި ފަރުދީ ޒިންމާ އަދާކުރުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ މިއަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައެވެ.
އެގޮތުން އަމީން ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމުން އިންސާނާގެ ސިއްހަތަށް ލިބޭ ގެއްލުމާއި، އިގުތިސާދީ ގޮތުން ލިބޭ ގެއްލުމާއި، އިޖުތިމާއީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަކީ ދެބަސްވުމަށް ފުރުސަތު އޮތް ކަންތައްތަކެއް ނޫން ކަމަށެވެ. އަދި މިއަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރަމުންދަނީ ކޮވިޑް 19ގެ ގިލަންވެރިކަމުގެ ދުވަސްވަރުގައި ކަމަށާއި އެހެންކަމުން މިއީ ދުންފަތާއި ދުރުވުމަށް އަޒުމު ކަނޑައަޅަން އެންމެ ރަނގަޅު ވަގުތު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިފަދަ ދުވަހަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ސިއްހަތަށް ގެއްލުންވާ ބޮޑު ކަމަކުން ސަލާމަތްވުމަށް އަޒުމު ކަނޑައަޅައި އެކަމަށް މަސައްކަތް ފަށައިގަންނަން އެންމެ ރަނގަޅު ދުވަސް. މިކަމުގައި ފަރުދީ ޒިންމާ އަދާކުރަން ޖެހޭ،" އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން ޒުވާނުންނާއި ކުޑަކުދިން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުހެލި ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ދުންފަތާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތް މެދުކެނޑުމެއްނެތި ސަރުކާރުން ކުރިއަށްގެންދާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހަކީ މެއި މަހުގެ 31 ވަނަ ދުވަހެވެ.