ޚަބަރު

ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ވިލިމާލެ ފަރަށް ގެއްލުންވަމުންދާ މައްސަލަ މަޖިލީހަށް

ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަޝްރޫއުއަށް، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު އެކަމުގެ ސަބަބުން ވިލިމާލެ ފަރު ހަލާކުވާ މައްސަލަ ބަލައިދިނުމަށް އެދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މެންބަރު އުޝާމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ވިލިމާލޭގެ ފަރަކީ އެ އަވަށުގެ ރައްޔިތުންގެ އިތުރުން ގްރޭޓާ މާލެ ސަރަހައްދުގެ ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރި، ސްނޯކަލްކޮށް ތަފާތު އެކިއެކި މޫދު ކުޅިވަރު ކުޅުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށެވެ. އަދި އެފަރަކީ މާލެ ސަރަހައްދުގެ ގިނަ އަދަދެއްގެ ސްކޫލު ކުދިން ތަފާތު އެކި ހަރަކާތްތަކަށް ބޭނުންކުރަމުން އަންނަ އަދި މާލެ ސަރަހައްދުގެ ރައްޔިތުންނަށް އަގެއް ނެތި ބޭނުންކުރެވޭ ގޮތަށް އޮތް ހަމައެކަނި ފަރުކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެހެންކަމުން އެފަރަކީ އިޖުތިމާއީ ގޮތުން އަދި އިގުތިސާދީ ގޮތުން ބަލާއިރުވެސް މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް، ހާއްސަކޮށް ވިލިމާލޭގެ ރައްޔިތުންނަށް ނުހަނު މުހިންމު ފަރެއްކަމަށްވާއިރު އެފަދަ ފަރުތައް ހަލާކުވިޔަ ނުދީ ބެލެހެއްޓުމަކީ ދިވެހި ދައުލަތުގެ މައްޗަށް ގާނޫނީގޮތުން ލާޒިމުކަމެއް ކަމަށް އުޝާމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން ތަރައްގީގެ އެކިއެކި މަޝްރޫއުތައް ހިންގުމަށްޓަކައި ފަޅުތައް ހިއްކުމަކީ ބައެއް ފަހަރު ކުރަންޖެހޭކަމެއްކަން ގަބޫލުކުރައްވާ ކަމަށާއި ހާއްސަ ގޮތެއްގައި މާލެ ސަރަހައްދުގައި ބިމުގެ ދަތިކަން އޮތް މިންވަރަށް ބަލާއިރު ބިން ހިއްކައިގެން މެނުވީ ތަރައްގީގެ ބައެއް ކަހަލަ މަޝްރޫއުތައް ހިންގެން ނެތުމަކީ ހަގީގަތެއް ކަމަށެވެ.

ނަމަވެސް ބިން ހިއްކައިގެން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދަންވާނީ އެކަމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ވީހާވެސް ކުޑަކޮށްގެން ކަމަށްވާއިރު ބައެއް ފަހަރު އެކަމަކީ ހަރަދުގެ ގޮތުން ބަލާއިރު ބޮޑު ކަމަކަށްވީނަމަވެސް އެފަދަ ފިޔަވަޅުތައް ނާޅާއިފިނަމަ ތިމާވެއްޓަށް ދެންދިމާވާނެ ގެއްލުންތަކަށް ބަލާއިރު އެފަދަ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

އެގޮތުން ގުޅީފަޅު ޕޯޓް ހެދުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު އެ މަސައްކަތް ފެށި ދުވަހުން ފެށިގެން، އެ މަސައްކަތުގެ ސަބަބުން އުފެދޭ ކިސަޑުތައް ވިލިމާލޭގެ ފަރު މައްޗަށް ޖަމާވަމުންދާ ކަމަށާއި އެ މަސައްކަތް ކުރަމުންދާ ބޮސްކާލިސްގެ ފަރާތުން ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ އެކަން ހުއްޓުވުމަށްޓަކައި ނުވަތަ އެކަމުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި އެއްވެސް ފިޔަވަޅެއް އެޅުމަށްފަހު ނޫން ކަމަށް ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެކަން އެހެން ދިމާވަނީ ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 22 ވަނަ މާއްދާ އަދި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާ އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާޢިދުތަކާ އެއްގޮތަށް ކަމަށް ނުވާތީ ކަމަށެވެ.

"މި މައްސަލައަކީ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވައި، ފިޔަވަޅު އަޅުއްވަންޖެހޭ މައްސަލައެއް ކަމަށް އަޅުގަނޑު ދެކޭތީ، މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމިޓީތަަކުން ބައްލަވައި ދެއްވައި، އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވައި ދެއްވުން އެދި ދެންނެވީމެވެ." އުޝާމްގެ ސިޓީގައިވެއެވެ.

ބޮސްކާލިސް ކުންފުނީގެ ޓްރެއިލިން ސެކްޝަން ހޮޕާ ޑްރެޖާއެއް ބޭނުންކޮށް ގުޅީފަޅު ހިއްކުމަށް ވެލި ނެގުމުގެ މަސައްކަތް މީގެ މަހެއްހާ ދުވަސް ކުރިން ފަށާފައިވާއިރު އެ މަޝްރޫއުގެ ކުރިއަށްދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ހަ މިލިއަން ކިއުބިކް މީޓަރުގެ ވެލި ނަގާނެއެވެ. އަދި ދެވަނަ ފިޔަވަހީގައި 14 މިލިއަން ކިއުބިކް މީޓަރުގެ ވެލި ނަގާނެއެވެ.

ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހިން ތިމާވެއްޓަށް ކުރާނެ އަސަރުތަކާއި، އެކަމުގެ އިޖުތިމާއީ އަސަރުތައް ބަލަން ހެދި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓުގައިވާ ގޮތުން މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެއެވެ.

އެގޮތުން ކައިރި ފަރުތަކަށް ވެލި އެޅުމުގެ ސަބަބުން ފަރުތަކާއި މުރަކަތައް މަރުވުމާއި، ވެލީގެ ސަބަބުން ފެން ކިލަނބުވުން އެކަށީގެންވާ ކަމަށް އެ ރިޕޯޓުގައިވެއެވެ. ނަމަވެސް ބިން ހިއްކާއިރު، ވެލި ކަނޑަށް ފެތުރިޔަ ނުދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައިވެއެވެ. އެގޮތުން މޫދު ކިލަނބުވުން ކުޑަ ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ހިއްކަން ވެލި އަޅާއިރު، ވެއްޔަށް ބޭރު ނުވެވޭނެހެން ފަޅުގެ ބޯޑަރު ވަށައިގެން "ސޭންޑް ބަންޑް" ޖަހައިގެންނެވެ.