އަލީ ޔާމިން
މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ދިހަ އަހަރާއި 14 އަހަރާ ދެމެދުގެ 540 އަށްވުރެ ގިނަ ކުދިން ކޮންމެ ދުވަހަކު ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
މިއަދަކީ ދުންފަތާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަމުން އަންނަ ދުވަހެވެ.
ޑރ. މުހައްމަދު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ބުނީ، މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ދިހަ އަހަރާއި 14 އަހަރާ ދެމެދުގެ 540 އަށްވުރެ ގިނަ ކުދިން ކޮންމެ ދުވަހަކު ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށާއި 15 އަހަރުން މަތީގެ 49،290 އަށްވުރެ ގިނަ މީހުން ކޮންމެ ދުވަހަކު ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށެވެ.
މީގެ އިތުރުން އީ-ސިގިރޭޓް، ނުވަތަ ވޭޕް ކުރުމާއި ޝީޝާ ބުއިމުގެ ނުރައްކާތެރިކަން ފާހަގަކުރައްވައި އެފަދަ ކަންކަމުން ދުރުހެލިވުމަށް ޑރ. މުހައްމަދު އަލީ ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން ކޮންމެ އަހަރަކު އެތައް މިލިއަން ބަޔަކު މަރުވެއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކެންސަރާއި، ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތަކަށްވެސް މަގުފަހިވާ ކަމެކެވެ.