ރައީސް ޔާމީން

ފުލުހުން ސުވާލުކުރީ ކެމްޕެއިން އެކައުންޓް، އަދި އެމްއެމްޕީއާރުސީއާ ގުޅުންހުރި މައްސަލައިގައި: ރައީސް ޔާމީން

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ފުލުހުންގެ އިދާރާއަށް ހާޒިރުކުރައްވައި ޔާމީންގެ ކެމްޕެއިން އެކައުންޓާއި އަދި އެމްއެމްޕީއާރުސީއާ ގުޅުންހުރި ފައިސާގެ މައްސަލައިގައި ސުވާލުކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއަށް ބަޔާން ދެއްވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ކުރީގެ ރައީސް ޔާމީން ވިދާޅުވީ މިއަދު ފުލުހުންގެ އިދާރާއަށް އެމަނިކުފާނު ހާޒިރު ކުރައްވައި ދެ ސުވާލެއް ކުރެއްވި ކަމަށެވެ.

އެގޮތުން 2018 ގެ ރިޔާސީ ކެމްޕެއިނަށް ހަރަދުކުރި އެކައުންޓާއި އެމަނިކުފާނުގެ ސަރުކާރުގައި އެމްއެމްޕީއާރުސީއާ ގުޅުންހުރި ފައިސާގެ މައްސަލައިގައި ސުވާލުކޮށްފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ކެމްޕެއިން އެކައުންޓްގައި ހުރި ފައިސާ 20 މިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވާނެ ކަމަށާއި ކެމްޕެއިނަށް 400 މިލިއަން ރުފިޔާ ހަރަދުކުރަން ގާނޫނު ހުއްދަ ކުރާ ކަމަށެވެ.

އަދި އެކަމާ އެއްވެސް ތުހުމަތެއް ކުރައްވާފައި ނުވާކަމަށާއި އަދި ކުރައްވާފައި އޮތް ގަވާއިދާ ހިލާފު ކަމެއް ފުލުހުން ވިދާޅު ނުވާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރިޔާސީ ކެމްޕެއިންއަކަށް ހަރަދުކުރުމަށް 20 މިލިއަން ރުފިޔާއަކީ ބޮޑު އަދަދެއްކަމަށް އެއްވެސް މީހަކު ނުބުނާނެ ކަމަށެވެ.

މީގެއިތުރުން އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައި ވާތީ، އެކަމާ ވެސް ފުލުހުން ސުވާލު ކުރި ކަމަށެވެ.

އަދި އެ ފައިސާ އަކީ އޭސީސީގެ ބެލުމުގެ ދަށުގައި ހުރި ފައިސާއަކަށް ވާތީ، އަދި އެކަމުގެ މީގެ ކުރިން އޭސީސީއަށް ބަޔާނެއް ދީފައި ވާތީ އެ މައުލޫމާތު އޭސީސީއިން ފުލުހުން ސާފުކުރުމަށް ދަންނަވާފައިވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި އެމަނިކުފާނާ މެދު ތުހުމަތުކުރެވޭ ކަމެއް އޮތްނަމަ އެކަމާ ސުވާލު ކުރެއްވުމުން ޖަވާބު ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.