މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކަސްޓަމުގެ ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވި، އެ ދެމުވައްޒަފުން ވެސް މިހާރު ރަނގަޅުވެއްޖެ

ކަސްޓަމުގެ ދެ މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވި ކަމަށާއި އެ ދެމުވައްޒަފުން ވެސް މިހާރު ރަނގަޅުވެއްޖެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުއްﷲ ޝަރީފް ވިދާޅުވީ ކަސްޓަމްގެ އަންހެން މުވައްޒަފަކާއި ފިރިހެން މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވި ކަމަށާއި ނަމަވެސް މިހާރު އެދެ މުވައްޒަފުން ބަލިން ރަނގަޅުވެ ތިބީ ގޭގައި ކަމަށެވެ.

އެކި މަރުހަލާތަކުގައި 50 ވަރަކަށް މުވައްޒަފުން ހޯމް ކަރަންޓީނުގައި ބައިތިއްބަން ޖެހުނު ކަމަށާއި މިހާރުވެސް 30 ވަރަކަށް މުވައްޒަފުން ގޭގައި ކަރަންޓީން ކުރެވިފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ކޮވިޑް ބަލި ފެށިގެން އައި މަރުހަލާގައި ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައި ދުވަސްވަރު ކޮންޓެކްޓް ވެގެން އެއާޕޯޓުގެ އެއްޝިފްޓް އެއްކޮށް ޖުމުލަ 17 މުވައްޒަފުންވެސް ގޭގައި މަޑުކުރަން ޖެހުނު ކަމަށެވެ. ޕްރައިމަރީ ކޮންޓެކްޓްގެ ގޮތުގައި ފާހަގަ ކުރެވުނު ހުރިހާ އެންމެން ޓެސްޓުކޮށް މިހާރު ނެގެޓިވްކަން ވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.