ޚަބަރު

ފުލުހުން ބާރުގެ ބޭނުންކުރަންވާނީ ގާނޫނާއި ގަވައިދުގެ ތެރެއިން އެކަނި، އެކަމަށް އުޒުރެއް ނުދެއްކޭނެ: ސީޕީ ހަމީދު

މަރިޔަމް ޝަހުދާ

ފުލުހުންގެ ބާރުގެ ބޭނުންކުރަން ވާނީ ގާނޫނާއި ގަވައިދުގެ ތެރެއިން ކަމަށާއި އެކަމަށް އެއްވެސް އިތުރު އުޒުރެއް ނުދެއްކޭނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.

އެމްސީ ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުން ބާރުގެ ބޭނުން ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން، ހާލަތާއި ބައްދަލުވާ ގޮތަކަށް އަދި އެކަމަށް ޖަވާބުދާރީވެސް ވެވޭނެ ފަދަ ގޮތަށް ކަމަށެވެ.

ކޮމިޝަނަރު ހަމީދު އިތުރަށް ވިދާޅުވީ، ފުލުހުން ބާރުގެ ބޭނުން ކުރަން ޖެހޭނީ ގާނޫނު ތަންފީޒު ކުރުމަށް ކަމަށާއި، އަމަން އަމާންކަން ނެގެހެއްޓުމުގެ ގޮތުން ކަމަށެވެ. އަދި ފުލުހުން ބާރުގެ ބޭނުން ކުރަން ވާނީ އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ފުލުހުންގެ ވާޖިބުތަކަށް ވާސިލު ވުމަށް ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ހާލަތާއި ނުގުޅޭ ގޮތަށް ބާރުގެ ބޭނުން ކުރުން ނުވަތަ ފުލުހުންނަށް ލިބިފައިވާ ބާރުގެ ބޭނުން ނުހައްގުން ބޭނުން ކުރުމަކީ އެއްވެސް ގޮތަކަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ސީޕީ ހަމީދުގެ މި ޓުވީޓަކީ އެމެރިކާގެ މިނެޕޮލިސް ގައި، ކަޅު ނަސްލަށް ނިސްބަތްވާ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް އަނިޔާވެރިކޮށް ހައްޔަރު ކުރުމުގެ ތެރޭގައި އޭނާ މަރުވި މައްސަލައާއި ގުޅިގެން ކޮށްފައިވާ ޓުވީޓެކެވެ.