ޚަބަރު

ޒިންމާ އަދާނުކުރާ ކަމަށް ނިންމުމުން ޒަހާގެ ސިޓީއެއް މަޖިލީހަށް

1

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މަގާމުގެ ޒިންމާ އަދާ ނުކުރައްވައި، ގާނޫނާ ހިލާފުވެ ވަޑައިގެންފައިވާ ކަމަށްބުނެ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން، މަޖިލީހަށް ހުށަހަޅައި މަގާމުން އިސްތިއުފާދެއްވުމަށް ގޮވާލާފައިވާ މައްސަލަޔަށް ޖަވާބުދާރީވެވަޑައިގެން މަޖިލީހަށް ޒަހާ ސިޓީއެއް ފޮނުއްވައިފި އެވެ.

މިނިސްޓަރު ޒަހާ ޒިންމާ އަދާ ނުކުރެއްވުމުގެ ސަބަބުން، މިނިސްޓްރީން ގާނޫނާ ހިލާފުވެފައިވާކަމަށް ބުނެ މަޖިލީހުގެ ގަވައިދު ކޮމިޓީން މަޖިލީހަށް ހުށަހެޅި މައްސަލަޔަށް އިއްޔެ މަޖިލީހުގެ ތަޅުމުގައި ވަނީ ބަހުސްވެސް ކޮށްފައެވެ.

އެމައްސަލަގައި ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓްގައި ބުނެފައިވަނީ، މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހެދުމަށް ލާޒިމް ކޮށްފައިވާ ގިނަ ގަވާއިދުތަކެއް ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި ނުނިމިވާކަން ފާހަގަ ކުރާ ކަމަށެވެ.

ގާނޫނުގައި، ވަކި ގޮތަކަށް އަމަލު ކުރަންވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައި ވާނަމަ، އެއީ އެ ގާނޫނުން އުފައްދާ، ބަރީއަވުމެއް ނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއްކަމުގައި ބަލަންވާނެ ކަމަށް، މާނަ ކުރުމުގެ ހަމަަތައް ބަޔާން ކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރާ ކަމަށް މަޖިލީހުގެ ގަވައިދު ކޮމެޓީގެ ރިޕޯޓްގައި ބުނެފައި ވެއެވެ.

"ކަން މިހެން އޮތްއިރު މަސްވެރިކަމުގެ ގާނޫނުން ވަރަށް ސާފުކޮށް މިނިސްޓްރީއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އަދާނުކުރުމުގެ ސަބަބުން، އަދި އެ މުއްދަތު ފަހަނައަޅައި ދިޔަފަހުން މިއަދާ ހަމަޔަށްވެސް އެ މަސްއޫލއިްޔަތު އަދާކޮށްފައި ނުވުމުން އެ މިނިސްޓްރީން އެ ގާނޫނާ ހިލާފައިވާކަމަށް ކޮމިޓީން ގަބޫލު ކުރާ ކަމަށާއި، މިނިސްޓަރު ނަންގަަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައި ނުވާކަމަށް ކޮމިޓީން ނިންމާފައިވާކަމަށް،" ކޮމިޓީ ރިޕޯޓްގައި ވެއެވެ.

މި މައްސަލައާ ގުޅިގެން މިނިސްޓަރު ޒަހާ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ވިދާޅުވީ، ރައްޔުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.

ސިރާޖު ވިދާޅުވީ، ގަވާއިދު ކޮމިޓީން އެމައްސަލަ ބަލައި ރިޕޯޓް އެކުލަވައިލި ފަހުން، އެމައްސަލަޔަށް ޖަވާބުދާރީވުން އެއީ އެކަން ހިނގަން ޖެހޭނެ ގޮތް ނޫން ކަމަށެވެ. އަދި އެކަމަށް ދައުވަތު ދެއްވައި ފުރަތަމަ ދުވަހު މިނިސްޓަރު ކޮމިޓީއަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެ ކަމަށްވެސް މެންބަރު ސިރާޖު ވިދާޅުވިއެވެ.

ނަމަވެސް ދައުވަތު ދެއްވުމުން މަސައްކަތްތަކުގައި ބިޒީވެވަޑައިގެން އެވަގުތު ކޮމިޓީއަށް ވަޑައިގެންދެއްވެން ނެތް ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށްވެސް މެންބަރު ސިރާޖު ވިދާޅުވިއެވެ.

މޫސާ ސިރާޖު ވިދާޅުވީ، ޖަވާބުދާރިވެވަޑައިގެން މިނިސްޓަރު މަޖިލީހަށް ފޮނުއްވި ސިޓިގައިވެސް ގޯސްތަކެއް ވާ ކަމަށެވެ.

އެގޮތުން މިހާރުން މިހާރަށް އިސްކަން ދިނުމަށް މިނިސްޓަރަށް ފެނިވަޑައިގަންވާ ގަވާއިދުތަކެއް ނިންމަވާނެ ކަމަށާއި، އެގޮތުން މަސްވެރިކަމާބެހޭ ގާނޫނުން ހަދަން ޖެހޭ ގާނޫނުތައް އެކަށީގެންވާ މުއްދަތެއްގައި ހައްދަވާނެ ކަމަށް މިނިސްޓަރުގެ ސިޓީގައި ވިދާޅުވުމަކީ ގޯހެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ހަދައި އޭގައި މުއްދަތުތަކެއް ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުގެ މާނައަކީ، "އޭގަ އޭނީ އެކަށީގެންވާ ވަގުތޭ، އޭގައި އެހުރި ގަވައިދުތަކަކީ ކޮންމެހެން ނިންމަން ޖެހޭ ގަވައިދުތަކެއްކަން. މިނިސްޓަރަށް ފަހުން ނުދެންނެވޭނެ އެކަށީގެންވާ ވަގުތަކީ މިނިސްޓަރަށް ފެންނަ ވަގުތެއް ކަމަކަށް." ސިރާޖު ވިދާޅުވި އެވެ.

ކޮމިޓީ ރިޕޯޓަށް އިއްޔެ ކުރިޔަށްދިޔަ ބަހުސްގައި މި މައްސަލައިގައި ޒަހާ މަގާމުން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ބައެއް މެންބަރުން ގޮވައިލެއްވިއެވެ. އަދި މިނިސްޓަރު މަގާމުން އިސްތިއުފާ ނުދެއްވައިފި ނަމަ، މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މިނިސްޓަރުކަމުގެ މަގާމުން ޒަހާ ވަކި ކުރާނެ ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟