މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

ސިފްކޯ ހިޔާގެ ފުލެޓްތަކުގެ މަސައްކަތް ޑިފެންސް މިނިސްޓަރު ބައްލަވައިލައްވައިފި

ޝަހީދާ އަބްދުﷲ ސައީދު

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ''ސިފްކޯ ހިޔާ'' ފުލެޓްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްލަވައިލައްވައިފިއެވެ.

އެމްއެންޑީއެފުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ސިފްކޯ ހިޔާ ފުލެޓްތަކުގެ މަސައްކަތް ކުރިއަށްދާ މިންވަރު ބައްލަވައިލެއްވުމަށް މިނިސްޓަރު ކުރެއްވި ޒިޔާރަތުގައި އެކަމަނާގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ސިފައިންގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ސިފްކޯ ހިޔާ ފްލެޓްތަކަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރުގެ ތެރޭ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ނޫމަޑި ރިސޯޓް އެންޑް ރެޒިޑެންޓްސް އަދި ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ"އާ ގުޅިގެން އިމާރާތްކުރަން ފެށި ފްލެޓްތަކެކެވެ.

ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގޮސް ދިގު މުއްދަތަކަށް ހުއްޓިފައި ވަނިކޮށް، ރައީސް ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރު ވަނީ އެ މަސައްކަތް އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައެވެ.