ބީޕީޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި ކުދި ވިޔަފާރިތަކުން އެހީތެރިކަން ހޯދުމަށް ވީހާވެސް އަވަހަށް ރަޖިސްޓްރީ ވުމަށް މީރާއިން އެދިއްޖެއެވެ.
މިދިޔަ އަހަރުގެ ބީޕީޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި ކުދި ވިޔަފާރިތަކަށް އެހީތެރިވުމަށް، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ކުރިޔަށް ގެންދަން ނިންމި ހާއްސަ ޕްރޮގްރާމް އޮންލައިންކޮށް ކުރިޔަށް ގެންދިއުމަށް މީރާއިން ވަނީ ހަމަޖައްސައިފައެވެ.
މީރާ އިން ބުނީ ދިވެހިރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ހާއްސަ ވިޔަވަޅުތަކެއް އަޅާފައިވާތީ، މި ޕްރޮގްރާމް މިހާރު ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ޓެލެފޯން، އީމެއިލް، އެނޫންވެސް އޮންލައިން، ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ.
އެހެންކަމުން ބީޕީޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން، އަހަރަކު ފަސް މިލިއަން ރުފިޔާ އާއި 10 މިލިއަން ރުފިޔާ އާ ދެމެދުގެ އާމްދަނީއެއް ލިބޭ ފަރާތްތަކުން، މީރާގެ 9821415 ނަންބަރަށް ވައިބާ މެދުވެރިކޮށް މެސެޖް މެދުވެރިކޮށް ނުވަތަ މީރާއަށް މެއިލްކޮށްގެން ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް މީރާއިން ވަނީ އެދިފައެވެ.