ރައީސް ޔާމީން

ކެމްޕެއިނަށް 400 މިލިއަން ހަރަދުކުރަން ހުއްދަ ލިބޭ، އެކައުންޓުގައި ހުންނާނީ 20 މިލިއަންވަރު: ރައީސް ޔާމީން

ޝަހީދާ އަބްދުﷲ ސައީދު

1

ރިޔާސީ ކެމްޕެއިނަށް 400 މިލިއަން ރުފިޔާ ހަރަދު ކުރެވޭނެ ކަމަށާއި ނަމަވެސް ކެމްޕެއިން އެކައުންޓްގައި ހުރި ފައިސާ 20 މިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ބަޔާން ދެއްވުމަށްފަހު ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރެއްވީ ރިޔާސީ ކެމްޕެއިންނަށް ހަރަދުކުރި އެކައުންޓްގައި ހުރި ފައިސާގެ މައްސަލަ އާއި އެމްއެމްޕީއާރްސީއާ ގުޅުން ހުރި މިލިއަން ރުފިޔާއެއްގެ މައްސަލައިގައި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ކެމްޕެއިން އެކައުންޓްގައި ހުރި ފައިސާއާ ބެހޭ ގޮތުން ސުވާލު ކުރި ކަމަށާއި، ކެމްޕެއިން އެކައުންްޓްގައި ހުރި ފައިސާއަކީ ކެމްޕެއިންނަށް ހަރަދުކުރުމަށް ލިބިފައި ހުރި އެމަނިކުފާނުގެ ފައިސާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރިޔާސީ ކެމްޕެއިންނަށް ހަރަދުކުރި އެކައުންޓްގައި ހުރި ފައިސާ 20 މިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވާނެ ކަމަށާއި ނަމަވެސް 400 މިލިއަން ރުފިޔާއާ ހަމައަށް ޚަރަދުކުރަން ގާނޫނު ހުއްދަ ކުރާ ކަމަށެވެ.

ރިޔާސީ ކެމްޕެއިންގައި އެމަނިކުފާނު ފައިސާ ހަރަދުކުރި ގޮތް ކަމާބެހޭ ފަރާތްތަކުން ބަލަމުންދާ އިރު އެމަނިކުފާނު ވަނީ އިންތިޚާބުގައި ވާދަކުރެއްވި އަނެއް ކެންޑިޑޭޓު ކަމަށްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެކައުންޓްގައި ހުރި ފައިސާއާ ބެހޭ ގޮތުން ސުވާލު ނުކުރާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"އަޅުގަނޑަށް ވަރަށް އުނދަގޫވޭ އިނގޭތޯ. އަޅުގަނޑުގެ ކެމްޕެއިން އެކައުންޓުގައި ފައިސާއާ ހުރެގެން އެކަމާ އަޅުގަނޑާ ސުވާލު ކުރަންޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. އެއީ އަޅުގަނޑު އެކަންޏެއް ނޫން މިފަހަރު ހުރި ހަމައެކަނި ކެންޑިޑޭޓަކީ. ދެންވެސް އެހެން ކެންޑިޑޭޓެއް އެބަހުންނެވި. އެހެންވީމާ ކެންޑިޑޭޓުން ހޭދަކުރާ ފައިސާގެ މައުލޫމާތު ހޯއްދަވަންޏާ ހަމަ އިންސާފުވެރިވާނީ އަނެއް ކެންޑިޑޭޓު ވެސް ހޭދަކުރެއްވި ފައިސާގެ ކަންތައް ވެސް ބެލިއްޔާ.'' ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިއަދު އެމަނިކުފާނުގެ މައްޗަށް ތުހުމަތެއް ނުކުރައްވާ ކަމަށާއި، ވަކި ކަމެއް ތުހުމަތު ނުކުރައްވައި ކަމެއް ސާފުކުރަން އުޅުމުން ދަތިފުޅުވާ ކަމަށެވެ.

އަދި ކަމެއް ސާފުކުރާނަމަ އެމަނިކުފާނުގެ އެކައުންޓަށް ވަންނަ ފައިސާއަކީ ފެންނަން ހުރި އެއްޗެއް ކަމަށާއި، އެފައިސާއަކީ ގޯސް ގޮތަކަށް ހޯދާފައި ހުރި ފައިސާ ކަމަށް ވާނަމަ، ތަހުގީގު މިހާހިސާބަށް އަންނަ އިރު އެފައިސާ އެކައުންޓަށް ވަން ގޮތް ވެސް ސާފުކުރެވިފައި ހުންނަންވާނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟