އަލީ ޔާމިން
މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ތ. ގުރައިދޫގައި ބިދޭސީއަކު މަރާލި މައްސަލައިގައި، 22 އަހަރުގެ ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފިއެވެ.
ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިންގި މާރާމާރީއެއްގައި ބިދޭސީއަކު މަރާލާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 00:45 ހާއިރުއެވެ.
ފުލުހުން ހައްޔަރުކޮށްފައިވަނީ، އެމީހާގެ މަރާ ގުޅިގެން ތަންތަން ފާސްކުރަނިކޮށް ޒަހަމުތަކާ އެއްކޮށް ފެނުނު ބިދޭސީ މީހާއެވެ.
ފުލުހުން ބުނީ 22 އަހަރުގެ ބަންގްލަދޭޝް މި މިހާ ޒަހަމުވީ މަރުވި މީހާއާ މެދު ހިންގި ހަމަނުޖެހުމެއްގެ ތެރޭގައިކަން މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ތަހުގީގު ފުރިހަމަކުރުމަށް، މަރާ ގުޅޭ ގޮތުން ފޮރެންސިކް ހެކި ހޯދުމުގެ މަސައްކަތް ކަމަށާއި މަރުގެ ހާދިސާ ހިންގި ދުވަހުން ފެށިގެން، ޝައްކު ކުރެވޭ މީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ޝާހު ސާލާމް ނަމަކަށް ކިޔާ ބަންގުލަދޭޝް މީހާ މަރާލީ ގުރައިދޫގެ ސިނާއީ ސަރަހައްދު، ކަންޑަރުގައި އޭނާ ދިރިއުޅޭ ގެ ކައިރީގައެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި ވައިނޮޅިވެސް ބުރިކޮށްލައިފައިވާ ކަމަށް އެރަށުން މައުލޫމާތު ދެއެވެ. އަދި މަރުވި ބިދޭސީ މީހާގެ ގޮހޮރުވެސް ނުކުމެފައިވާކަން އެނގިފައިވެއެވެ.