ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން އަދި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރައި ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވައިފައިވާ ރިޔާސީ ދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް ހުށަހަޅާފައިވާ ބިލު ފާސްކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވޯޓު ނުނެގުނީ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕް (ޖޭޕީޖީ)ގެ މެންބަރުން ނެތިގެން ކަމަށާއި ވޯޓަށް ނައުން ބަލައިނުގަންނަވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެ އެވެ.
ބިލެއް ފާސްކުރަން ބޭނުންވާ އެންމެ މަދު އަދަދު ކަމަށްވާ 43 މެންބަރުން މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ނެތުމުގެ ސަބަބުން ޖަލްސާ ނިންމާލައި މަޖިލިސް ޗުއްޓީއަށް ދިޔަކަން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަނީ އިއުލާނުކުރައްވައިފަ އެވެ. މިއަދުގެ ޖަލްސާ ފެއްޓީ 25 މެންބަރުންނާ އެކު އެވެ. ޖަލްސާ ނިންމައިލި އިރު ތިއްބެވީ 39 މެންބަރުންނެެވެ.
"ވައްކަން ބަލާ ވާހަކަދެއްކިޔަސް ނުފުދޭ. ވައްކަން ބަލަން ވޯޓު ނަގަން ބަލާއިރު މެންބަރުން ފުރައިގެން ގޮސް ތިބުމަކީ ބަލަިއގަނެވޭނެ ކަމެއް ނޫން." ރިޔާސީ ކޮމިޝަންތަކުގެ ބިލު ދިރާސާކުރެއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވާ ރޮޒެއިނާ މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ރިޔާސީ ކޮމިޝަންތަކުގެ ބިލު މިއަދު ފާސްނުވީ ޖޭޕީޖީގެ ބައެއް މެންބަރުން ގަސްދުގައި ޖަލްސާއަށް ވަޑައިނުގަތުމުން ކަމަށް ރޮޒެއިނާ ތުހުމަތު ކުރެއްވި އިރު، ޖޭޕީގެ މަޖިލިސް މެންބަރަކު މިއަދު "ވަން އޮންލައިން"އަށް ވިދާޅުވީ އެ ޕާޓީގެ ބައެއް މެންބަރުން މިއަދު ރަށުން ބޭރުގައި އުޅުއްވަނީ ކުރީއްސުރެ ރޭވިފައި ހުރި ދަތުރުތަކެއްގައި ކަމަށެވެ.