ޚަބަރު

ޖުލައި މަހު ޓޫރިސްޓުންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާއިރު އިތުރު އެއްވެސް ފީއެއް ނުނަގާނެ: ޓޫރިޒަމް މިނިސްޓްރީ

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް ނަމަވެސް އަންނަ ޖުލައި މަހު އަލުން ޓޫރިސްޓުންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާއިރު ރާއްޖެ އެތެރެވާން އިތުރު އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއަށް އެތެރެވުމަށް އަންނަ ޓޫރިސްޓުން އަތުން އިތުރު އެއްވެސް ފީއެއް ނުނަގާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ރާއްޖޭގެ ހާލަތު އިތުރަށް ގޯސް ނުވާ ނަމަ ޖުލައިމަހު ބޯޑަރު ހުޅުވައިލާނެކަން ރައީަސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކުރިން އިއުލާނުކުރައްވައިފައެވެ.

އެއާއެކު މިދިޔަ މަހުގެ ފަހުކޮޅު ޓޫރިޒަމް މިނިސްޓްރީން ސޭފް ޓޫރިޒަމް ގައިޑްލައިނެއް އެކުލަވާލިއެވެ. އެ ގައިޑްލައިނުގައި ފުރަތަމަ އޮތީ ރާއްޖެ އަންނަ ޖެޓްތަކުން ލޭންޑިން ފީއަކަށް 50،000 ޑޮލަރު ނެގުމަށާއި، ސުޕަޔޮޓްތަކުން 10،000 ޑޮލަރު ދައްކަން ޖެހޭ ގޮތަށެވެ. މީގެ އިތުރުން ޓޫރިސްޓުންގެ އަތުން ހާއްސަ ވިސާ ފީއެއްގެ ގޮތުން 100 ޑޮލަރު އަދި ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ބޮލަކަށް 100 ޑޮލަރު ނަގަން ވެސް ވަނީ ހިމަނައިފައެވެ.

ނަމަވެސް އެ ގައިޑްލައިނަށް އިންޑަސްޓްރީގެ ހިޔާލު ހޯދުމަށްފަހު އެ ފީތައް ވަނީ އުވާލައިފައެވެ.

ކޮވިޑް-19 ފެތުރޭތީ، ރާއްޖޭން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އޮންއެރައިވަލް ވިސާ ދޫކުރުން ހުއްޓާލައި ބޯޑަރު ބަންދުކުރީ މާޗް 27 ވަނަ ދުވަހުން ފެށިގެންނެވެ.