ޚަބަރު

ސުޕްރީމް ކޯޓުގެ ލަފާގެ ރޫހާ ހިލާފަށް ގާނޫނު އަސާސީ އިސްލާހުކުރަން ތާއީދެއް ނުކުރަން: އިދިކޮޅު

އަލީ ޔާމިން

ސުޕްރީމް ކޯޓުގެ ގާނޫނީ ލަފާގެ ރޫހާއި ހިލާފަށް ގާނޫނު އަސާސީ އިސްލާހުކުރަން ތާއީދު ނުކުރާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ނެރުނު ބަޔާނުގައި ބުނީ، ކޮވިޑްގެ ސަބަބުން ގައުމަށް ދިމާވެފައިވާ ސިއްހީ ކާރިސާއާ ގުޅިގެން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމުން ދިމާވެދާނެ ދުސްތޫރީ މައްސަލަ ހައްލު ކުރުމުގައި ގާނޫނު އަސާސީއާ ސުޕްރީމް ކޯޓުގެ އިސްތިސާރީ ލަފާގެ ރޫހާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް ބާރުގެ ބޭނުންކޮށްގެން ގާނޫނު އަސާސީ އިސްލާހު ކުރުމަށް ކުރަމުންގެންދާ މަސައްކަތަށް އެ ކޯލިޝަނުން ތާއީދު ނުކުރާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 93 ވަނަ މާއްދާއާއި 94 ވަނަ މާއްދާ ބުނާގޮތުން، މަޖިލީހުން އިސްލާހު ކުރެވޭނީ ނުވަތަ އެއްވެސް އުނި އިތުރެއް ގެނެވޭނީ އެވަގުތަކު މަޖިލީހަށް ހުށަހެޅިފައިވާ ބިލެއް ނުވަތަ އެ ހުށަހެޅިފައިވާ އިސްލާހެއް އެކަންޏެވެ. އިސްލާހަށް ހުށަހެޅިފައި ނުވާ މާއްދާއެއް ނުވަތަ އަކުރެއް އިސްލާހު ކުރުމަކީ، ނުވަތަ ހުށަހެޅިފައި ނުވާ މާއްދާއަކަށް ބަދަލެއް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫނެވެ." އިދިކޮޅުގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ދައުރު ދަންމާލަން ގާނޫނު އަސާސީ އިސްލާހު ކުރުމާއެކު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމަށް އަލަށް އެކުލަވާލާ ބިލުގައިވެސް ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އެގޮތުން އެ ބިލް ބައްޓަން ވެފައިވާ ގޮތުން ރައްޔިތުންގެ ބާރު އެއްކޮށް ކެނޑިގެން ގޮސް، ގާނޫނު އަސާސީއާއި ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތަށް ވަރަށް ބޮޑަށް ހަނިވެފައިވާކަން އިދިކޮޅު ކޯލިޝަނުން ފާހަގަކުރެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ސުޕްރީމް ކޯޓުގެ އިސްތިސާރީ ލަފައަށް ބިނާކޮށް، މަޖިލީހަށް އައު ބިލެއް ހުށަހަޅައިގެން ކުރިއަށް ދެވިދާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.