ކޮވިޑް 19 އާ ގުޅިގެން މެދުކަނޑާލާފައިވާ ކުޅިވަރު މުބާރާތްތައް އަލުން ފެށޭނެ ދުވަހެއް އަދި ސާފު ނުވާކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަ އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ރޭ އެފްއޭއެމް އިން ގެނެސްދިން ލެޓްސް ޓޯކް ފުޓުބޯޅަ ޝޯގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ ލޮކްޑައުން އީސް ކުރަމުން އަންނައިރު، ރާވާލަމުން އަންނައިރުވެސް ކުޅިވަރު ކުޅެލަން ދެވޭނެ އިރެއް އަދި ޕްރެކްޓިސް ކޮށްލަން ދެވޭނެ އިރެއް ސާފެު ނުވާ ކަމަށެވެ. މަހްލޫފް ވިދާޅުވީ ކުޅިވަރަށް ވަރަށް ބޮޑު ދަތިތަކެއް އަދި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
އެކަމާ ގުޅިގެން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކާއި ކުޅުންތެރިންނަށްވާ ދަތިތަކުގެ ވާހަކަ އަޑުއިވެމުންދާކަމަށާއި ނަމަވެސް މިދަނޑިވަޅަކީ ކޮވިޑް 19 އާ ގުޅިގެން ހުރިހާ ކަމެއްގައިވެސް ދަތި ތަކެއް ތަހައްމަލު ކުރަމުންދާ ދަނޑިވަޅެއް ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވި އެވެ. ނަމަވެސް އެފްއޭއެމް އާއި މިނިސްޓްރީ ގުޅިގެން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމުން ހައްލެއް ފެނިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ ކޮވިޑާއި ގުޅިގެން ދައުލަތަށް ވަންނަ އާމްދަނީ މަދުވެފައިވާ ކަމަށާއި އެހެންކަމުން ކުޅިވަރަށް ވެސް އެކަމުގެ ސަބަބުން ގިނަ ދަތިތަކެއް އަންނާނެ ކަމަށެވެ.