ބްލެކްމެއިލް ކޮށްގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މާލެ ގެނެސް، އެކުއްޖާ ރޭޕް ކުރަމުން ދަނިކޮށް އެކުއްޖާ ހޯދައި، އެކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކުރުމުން ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ޓީމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީގެ ތައުރީފު ކުރައްވައިފިއެވެ.
ކުޑަކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު 5:37 ގައެވެ. އަދި އެ މައްސަލައާ ގުޅިގެން ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައިވަނީ އިތުރު މީހަކާއެކު މާލޭގެ ގެސްޓްހައުސްއެއްގެ ތެރެއިން އެދުވަހުގެ މެންދުރު 1:08 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އެ ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީ އެ މައްސަލައާ ގުޅިގެން އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ކުށުގެ ރެކޯޑް އޮންނަ އެ މީހާ ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އާއިލާއަށް އޮޅުވާލައި، ކުއްޖާއަށް އޮޅުވާލައި ބްލެކްމެއިލްކޮށް، ބިރުދައްކައި، ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
އެކަމާ ގުޅިގެން ޖެންޑާ މިނިސްޓަރު އައިޝަތު ކުރެއްވި ޓުވީޓެއްގައި ވަނީ، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ޖެންޑާ މިނިސްޓްރީގެ ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ކުރި މަސައްކަތަށް ތައުރީފު ކުރައްވައިފައެވެ. އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ވެސް މިނިސްޓަރުގެ ޓުވީޓުގައި ޝުކުރު އަދާކުރައްވައިފައިވެއެވެ.
"އިންޓަނެޓްގެ ނުރައްކަލާ ގުޅޭގޮތުން ބެލެނިވެރިންނާއި ޓީޗަރުން ހޭލުންތެރިކުރެވޭތޯ ހިނގާ. ރައްކާތެރިކަމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި،" މިނިސްޓަރުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
މިނިސްޓަރުގެ އިތުރުން ސީޕީ ހަމީދު ވެސް ވަނީ އެކުއްޖާގެ މައްސަލައިގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ މަސައްކަތަށް ތައުރީފު ކުރައްވައިފައެވެ.
ކުޑަކުއްޖާގެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގުގައި މިހާތަނަށް ފާހަގަކުރެވިފައިވާ ކަންކަން ހާމަކޮށް ފުލުހުން ބުނީ، ކުޑަ އަންހެން ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައިވަނީ ކުއްޖާ އަދި މައިންބަފައިން ނުދަންނަ މީހެއް ކައިރިއަށް ކުއްޖާ އެކަނި ކަމަށެވެ. އަދި އަންހެން ކުއްޖާ މާލެ ގެނައުމުގައި ފައިސާއާ ގުޅުން ހުރި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލައި، ބްލެކްމެއިލްކޮށް ބިރުދައްކާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.